ޅ. އަތޮޅުގައި އޮންނަ ފުށިފަރު ރިސޯޓުން ޖެޓްސްކީއެއްގައި ފުރި ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ފުށިފަރު ރިސޯޓުން ޖެޓްސްކީއެއްގައި ފުރި ދެ ދިވެހިން ގެއްލިގެން ހޯދަން ފަށާފައިވާ ކަމަށެވެ.

Ad
rt

އެ ދެމީހުންނަކީ ވެސް އެ ރިސޯޓުގެ މުވައްޒަފުން ނެވެ. އަދި އެއީ އެ ރިސޯޓުގެ އަންހެން މުވައްޒަފަކާއި، ފިރިހެން މުވައްޒަފެއް ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެ އަންހެން މުވައްޒަފުގެ އުމުރަކީ 29 އަހަރެވެ. ފިރިހެން މުވައްޒަފުގެ އުމުރަކީ 24 އަހަރެވެ.

އެމީހުން ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިރޭ 19:04 ހާއިރު ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

އެ ދެމީހުން ޖެޓްސްކީގައި ފުރީ މަޖާކޮށްލުމަށް ދުއްވާލުމަށެވެ. އެ ދެމީހުން ވެސް ފުރީ ލައިފް ޖެކެޓް ވެސް އަޅައިގެންނެވެ. އަދި އެ މީހުން އެ ރިސޯޓުން ފުރާފައި ވަނީ އިރުއޮއްސެން ކައިރިވެފައި ވަނިކޮށް، 17:45 ހާއިރު އެވެ.

އެމްއެންޑީއެފުން ވިދާޅުވީ ގެއްލުނު އަންހެންމީހާ ފުރިއިރު އަތުގައި ފޯނެއް އޮތްކަމަށް އެމްއެންޑީއެފް ނޯތު އޭރިއާގެ އުލިގަމު ޕޯސްޓަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ފޯނަށް ގުޅުމުން ފޯނު ރިންގްވާ ކަމަށާއި، ނަމަވެސް ފޯނު ނުނަގާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އަދި އެ ފޯނާއި ގުޅޭތޯ އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އިން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.