މިހިނގާ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ ށ. ނަރުދޫއަށް އެރި އުދައިގެ ސަބަބުން ލޮނުގެ އަސަރުކޮށް އެރަށުން ގިނަ ޢަދަދެއްގެ ފަތްކެޔޮ ގަސްތަކެއް މަރުވަމުން އެބަދެއެވެ.

ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ރޭ ނަރުދޫއަށް އުދަ އެރީ މެންދަމު 2:00 އިން 2:30 އާއި ދެމެދުގެ ވަގުތެއްގައެވެ. އަދި އެރޭ އެރަށަށް އުދައެރުމުގެ ސަބަބުން 8 ގެއަށް ލޮނު ވަދެ، 3 ގެއެއްގެ ގެއާއި ބަދިގެއަށް ލޮނުވަދެ ބައެއް ގެއްލުން ވެފައިވެއެވެ.

Ad
rt

ނަރުދޫއަށް އުދައަރައި ރަށުތެރެއަށް ދެމިގަތް ލޮނުގަނޑު ރަށުގެ ބައެއް ސަރަހައްދު ތަކާއި، މަގުތަކުގައި ވެސް ކަކުލާއި ހަމައަށް ބޮޑުވިއެވެ. އަދި އެލޮނުގެ އަސަރު އެރަށުގެ ދަނޑުތަކަށް ކޮށްފައިވާއިރު، ލޮނުގެ އަސަރު ކުރުމުގެ ސަބަބުން އެރަށުން ވަނީ ގިނަ ޢަދަދެއްގެ ފަތްކެޔޮ ގަސްތައް މަރުވެފައެވެ.

ނަރުދޫ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ނިޒާރު ''ތިލަދުން'' އަށް ވިދާޅުވީ، އުދަ އެރުމުގެ ސަބަބުން ރަށުގެ ފަތްކެޔޮ ދަނޑުތަކަށް ގެއްލުންވެ، ގިނަ ޢަދަދެއްގެ ފަތްކެޔޮ ގަސްތައް މަރުވަމުންދާ ކަމަށެވެ.

''އެރޭ ރަށުތެރެއަށް އެރި ލޮނުގަނޑު ވަނީ ދަނޑުތަކާއި ހަމައަށް ވެސް ފޯރާފައި، ގިނަ އަދަދެއްގެ ފަތްކެޔޮ ގަސްތައް ދަނީ މަރުވަމުން، ފަތްކޭލުގެ އިތުރުން އަލައާއި، ބިލަމަގު ފަދަ ގަސްތަކަށް ވެސް ލޮނުގެ އަސަރު ކުރުމުން ވަނީ ގެއްލުން ވެފައި''

ނިޒާރު ވިދާޅުވިއެވެ.

ނަރުދޫ ފަތްކެޔޮ ދަނޑަކަށް ލޮނުގެ އަސަރުކޮށްފައި، ފޮޓޯ: ''ށަވިޔަނި ނަރުދޫ ފޭސްބުކް ޕޭޖް

ނަރުދޫއަކީ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުންދާ ރަށެކެވެ. އެރަށުގެ ދަނޑުވެރިން އާންމުގޮތެއްގައި ހައްދާ ބާވަތްތަކުގެ ތެރޭގައި ފަތްކެޔޮ، ކަރާ، ކިއުކަންބާ، ބަޓާނާ، ބަރަބޯ، ބަށި، ތޮޅި މިރުސް، ގިތެޔޮ މިރުސް، ޗިޗަންޑާ، ފާގަ، އަދި ރާނބާފަތް ހިމެނެއެވެ. އަދި އެރަށަކީ ގިނަ ޢަދަދަކަށް ފަތްކެޔޮ ހައްދާ ރަށަކަށް ވުމުގެ އިތުރުން، އެރަށަކީ ރުއްވެސް ގިނަ ރަށެއް ކަމުން ކުރުނބާ، ކާށިފަދަ ބާވަތްތައް ވެސް ފަސޭހަކަމާއެކު އެރަށުން ލިބެން ހުރެއެވެ.

ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ރޭ ނަރުދޫގެ އިތުރުންވެސް ށ. އަތޮޅުގެ ބައެއް ރަށްތަކަށް ވަނީ އުދަ އަރާފައެވެ. އޭގެ ތެރެއިން ބައެއް ރަށްރަށުގެ ދަނޑުތަކަށް ވެސް ވަނީ ލޮނުގެ އަސަރު ކޮށްފައެވެ.

https://thiladhun.wonstasite.com/50445