އިންޑިއާގެ ކޮޗިންއަށް އަންނަ މަހު ގައުމީ އެއާރލައިން، މޯލްޑިވިއަންއިން ދަތުރުތައް ފެށުމަށް ވަނީ ތައްޔާރުވެފަ އެވެ. އެ ދަތުރުގެ އަގުތައް ވެސް ހާމަކޮށްފައިވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ކޮޗިންއަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ކޮޗިންއަށް ފްލައިޓްތައް ބާއްވާނެ އެވެ.
މޯލްޑިވިއަންއިން ހާމަކޮށްފައިވާ ގޮތުގައި ވެލާނާ އެއާޕޯޓުން ކޮޗިންއަށް ދެކޮޅު ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ 150 ޑޮލަރު (2,313 ރުފިޔާ) އަށެވެ. ތިލަދުންމަތީގެ ހަނިމާދޫ އެއާޕޯޓުން ކޮޗިންއަށް ދެކޮޅު ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ 199 ޑޮލަރު (3,068.58 ރުފިޔާ) އަށެވެ. 49 ޑޮލަރުގެ (755.58 ރުފިޔާ) ތަފާތެކެވެ.
އަގުގައި މި ތަފާތެއް މި އުޅެނީ ކީއްވެ ހެއްޔެވެ؟ އަދި ދަތުރުގެ ރާސްތާއަށް ބަލާނަމަ މި ތަފާތަކީ އެންމެ ރަނގަޅު ތަފާތެއް ހެއްޔެވެ؟
ހަނިމާދޫ އާއި ކޮޗިންއާ ދެމެދު ހުރީ 489.82 ކިލޯމީޓެވެ. މާލެ އާއި ކޮޗިންއާ ދެމެދު ހުރީ 709.48 ކިލޯ މީޓަރެވެ. މާލެއިން ފުރައިގެން ކޮޗިން އަށް ދާނަމަ ދަތުރުގެ ރާސްތާ މާ ދިގެވެ. އެހެންވީއިރު އަގު ހެޔޮ ވާން ޖެހޭނީ ކުރު ރާސްތާގެ ދަތުރުގެ ނޫންބާވަ އެވެ؟
މިހެން ވަނީ، ރާސްތާ ކުރު ނަމަވެސް ހަނިމާދޫ އެއާޕޯޓްގައި ފްލައިޓަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ނެތުމުން ކަމުގައި ވެދާނެ އެވެ. އެހެންކަމުގައިވާ ނަމަ، ހަނިމާދޫ އެއާޕޯޓް އެންމެ ފުރިހަމައަށް ތަރައްގީ ކުރުމަކީ އޮތް ހައްލެވެ. އިންޑިއާ އާއި ހަނިމާދޫއާ މިހާ ގާތްގާތުގައި އޮތްއިރު އޭގެ ފައިދާ މި ހިސާބުގެ ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ލިބެން ޖެހޭނެ އެވެ.
އަލަށް ދަތުރުތައް ފަށައި ކޮޗިންއަކީ ދިވެހިންގެ ގިނަ ބަޔަކު ބޭސް ފަރުވާއަށް މިހާރު ވެސް ގޮސް އުޅޭ ސިޓީއެކެވެ. އަދި ކޮންމެވެސް ވަރަކަށް ދިވެހިން ދިރިއުޅެމުންދާ ވެސް ސިޓީއެކެވެ.
މޯލްޑިވިއަން އިން ބުނީ ގުރޭޓަރ މާލެ - ކޮޗިން އަދި ހަނިމާދޫ - ކޮޗިންގެ ދަތުރުތައް ވެސް ފަށަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 27 ގައި ކަަމަށާއި ކޮންމެ ހަފްތާއަކު ވެސް ތިން ފުލައިޓު ކޮޗިންއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އިންޑިއާއަކީ މިހާރު ދެވަނައަށް އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އަންނަ ގައުމެވެ. އެގޮތުން މިއަހަރުގެ ޖުލައި މަހާ ހަމަޔަށް އެގައުމުން 93،175 ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފައެވެ.
މޯލްޑިވިއަން އިން މީގެ ކުރިން ބުނެފައި ވަނީ ކޮޗިން އާ ހަނިމާދޫއާ ދޭތެރޭ ސީދާ ދަތުރުތައް ފެށުމުން، އެ ސަރަހައްދުގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
އަދި ތިން މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށް ހިފާފައިވާ އަމާޒު ވާސިލް ވުމަށް ގައުމީ އެއާލައިންއަށް ކުރެވެން ހުރި މަސައްކަތްތައް ކުރާނެ ކަމަށާއި ޓޫރިސްޓުން ގެނެވެން ހުރި އެހެން ޑެސްޑިނޭޝަންތަކަށް ދަތުރުތައް ކުރުމަށް ވިސްނާ ކަމަށް މޯލްޑިވިއަން އިން ވަނީ ހާމަކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!