އޮޅުވެލި ބީޗު ރިސޯޓްގެ ގެސްޓް ކޮޓަރި ބްލޮކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، 2 ކޮޓަރިއަށް ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މިހާދިސާ ހިނގިކަން އެ އިދާރާއަށް ރިޕޯޓްކޮށްފައިވަނީ ރޭ 00:25 ހާއިރު ކަމަށެވެ.
އެ ހާދިސާގެ ރިޕޯޓު ލިބުމާއިއެކު އެމްއެންޑީއެފްގެ ފަޔަރއެން ރެސްކިއުގެ ލޯންޗެއް ހަރަކާތްތެރިވާން ފެށި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެ ހާދިސާގައި އަލިފާން ރޯވީ އެ ރިސޯޓުގެ ގެސްޓް 4 ކޮޓަރީގެ ބްލޮކެއްގައެވެ. އޭގެ ތެރެއިން 2 ކޮޓަރިއަށް ވަރަށް ބޮޑަށް ގެއްލުންވެ، ބޭނުން ނުކުރެވޭ ވަރު ވެފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އެ ހާދިސާގެ ރިޕޯޓު ލިބިގެން އެމްއެންޑީއެފްގެ ފަޔަރއެން ރެސްކިއު ޓީމު އެ ރިސޯޓަށް ދިޔައިރު، އެ ރިސޯޓުގެ މުވައްޒަފުން އެ ބްލޮކްގައި ރޯވި އަލިފާން ނިންވާލާފައި ވާކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް، އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!