ދުނިޔޭގެ އެންމެ ވާދަވެރި ދެ އިޤުތިޞާދުކަމުގައިވާ ޗައިނާ އާއި އެމެރިކާއިން، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިޤުތިޞާދީ ގޮތުން ޖެހިފައިވާ މައްސަލަތަކަށް ހައްލެއް ގެނައުމަށް އަނެއްކާވެސް މަޝްވަރާ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއާ ހަވާލާދީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި ދެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުގެ މެދުގައި މިއަދު ވަނީ ފޯނުންވެސް ވާހަކަތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ވާހަކަތަކުން ނިންމިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ ކުރީކޮޅު ދެ ޤައުމުގެ އޮފިޝަލުން ބައްދަލުކުރުމަށެވެ.

Ad
rt

ޚަބަރު ފަތުރާ ވަސީލަތްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި މިއަދު ފޯނުން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ޗައިނާގެ ފަރާތުން ބައިވެރިވެފައިވަނީ އެޤައުމުގެ ޓްރޭޑް ނެގޯޝިއޭޓަރ، ލިއު ހީ އެވެ. އެމެރިކާގެ ފަރާތުން ބައިވެރިވެފައިވަނީ ޓްރޭޑް ރެޕްރެޒެންޓޭޓިވް، ރޮބަޓް ލައިތިޒާ އަދި ޓްރެޜަރީ ސެކެރެޓަރީ ސްޓީވަން ނުޝިން އެވެ.

ޗައިނާގެ ކޮމާސް މިނިސްޓްރީ އިން އިތުރަށް ބުނެފައިވާ ގޮތުގައި އޮކްޓޯބަރު މަހުގެ ތެރޭގައި ދެ ޤައުމުގެ ބައްދަލުކުރަން ނިންމާފައިވާއިރު، އެކަމަށް ތައްޔާރުވުމުގެ ގޮތުން މި މަހުގެ މެދުތެރެއިން ފެށިގެން ބައެއް ބައްދަލުވުންތައް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މީގެކުރިން ދެ ފަރާތުން ނިންމާފައިވާ އޮތީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ބައްދަލުވުން ބޭއްވުމަށެވެ. އެހެންނަމަވެސް، ދެ އިޤުތިޞާދުގެ މެދުގައި ފާއިތުވި ހަފްތާތަކުގެ ތެރޭގައި ބޮޑެތި ވާދަވެރިކަމަކާއި ނުތަނަވަސްކަމެއް ހިނގުމުން އެކަން ކުރެވޭގޮތް ނުވީއެވެ.