އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ކްރިސްޓަލް ޕެލަސް ބައްދަލު ކުރިމެޗުން ތަފާތު ބޮޑު ނަތީޖާއަކުން ލިވަޕޫލް މޮޅުވިއިރު، މެންޗެސްޓާ ސިޓީއާއި ސައުތްހެމްޓަން ބައްދަލު ކުރިމެޗުން ހަނި ގޮތަކަށް ސިޓީ މޮޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ޕެލެސްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލް ކާމިޔާބު ކޮށްފައިވަނީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

Ad
rt

މުޅިމެޗު ކޮންޓްރޯލް ކޮށްގެން ލިވަޕޫލް ކުޅެފައިވާއިރު އެ ޓީމުން މެޗުގެ ވަރަށް ކުރީކޮޅު ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މެޗުގެ ތިންވަނަ މިނެޓުގައި ސަޑިއޯ މަނޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެ ޓީމުގެ ފޯވާޑް މިނަމީނޯ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފައިވާއިރު، އެ ޓީމުން ޖެހި ދެވަނަ ލަނޑު 35 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ފިރްމީނޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ސަޑި މަނޭއެވެ. ފުރަތަމަ ހާފު ނިމިމުގެ ކުރިން ރޮބާޓްސަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ފިރްމީނޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. ފުރަތަމަ ހާފު ނިމިފައިވަނީ 3-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ލިވަޕޫލުގެ ކެޕްޓަން ޖޯޑަން ހެންޑަސަން އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖެހިއިރު، 68 ވަނަ މިނެޓުގައި ފިރްމީނޯ ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މި މެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ހަވަނަ ލަނޑު 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުޙައްމަދު ސަލާހެވެ. އަދި އޭގެ ތިން މިނެޓު ފަހުން ސަލާހު ވަނީ ލިވަޕޫލުގެ ހަތްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ހޮނިހިރު ދުވަހު މެންޗެސްޓާ ސިޓީއާއި ސައުތުހެމްޓަން ބައްދަލުކުރި މެޗުން ސިޓީ މޮޅުވެފައވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޑި ބުރޫނާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ސިޓީގެ އިނގިރޭސި ފޯވާޑް ރަހީމް ސްޓާލިންއެވެ.

ޕެލަސް އަތުން ހޯދި މޮޅާއިއެކު ލިވަޕޫލް މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ އެ ޓީމް ލީގުގައި ކުޅުނު 14 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލް އަތުންބަލިވި ކްރިސްޓަލް ޕެލަސް އޮތީ އެ ޓީމު ލީގައި ކުޅުނު 14 މެޗުން ލިބުނު 18 ޕޮއިންޓާއި އެކު ޕޮއިންޓް ތާވަލުގެ 12 ވަނާގައެވެ. ސިޓީ ލީގުގައި ސައުތުހެމްޓަން އަތުން ހޯދި މޮޅާއިއެކު ޕޮއިންޓް ތާވަލުގެ 6 ވަނާގައި އޮތީ އެ ޓީމް ލީގުގައި ކުޅުނު 13 މެޗުން ލިބުނު 23 ޕޮއިންޓާއި އެކުގައެވެ.