ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ އެޑިއުކޭޝަން ކޮމާންޑްގެ ދަށުން ޤާއިމުކޮށްފައިވާ ދަ ބޭސިކް ސްކޫލް (ޓީ.ބީ.އެސް) ހުޅުއްވައިދެއްވައިފިއެވެ.
އެ މަނިކުފާނު މި ސްކޫލް ހުޅުއްވައިދެއްވާފައި ވަނީ، ޅ. މާފިލާފުށްޓަށް މިއަދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު މެންދުރު މާފިލާފުށީގެ ކޮމްޕޯސިޓް ޓްރެއިނިންގ ސެންޓަރުގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ޙަފުލާއެއްގައެވެ.
ޓީ.ބީ.އެސް.އަކީ އެމް.އެން.ޑީ.އެފް.ގެ އެޑިއުކޭޝަން ކޮމާންޑްގެ ދެ ބްރާންޗްގެ ތެރެއިން އަސްކަރީ ހުނަރުތަކުގެ ތަމްރީނުތައް ހިންގާ ޓްރެއިނިންގ ބްރާންޗެވެ. މިއީ އަސްކަރިއްޔާގެ އެންމެ އަސާސީ ތަމްރީނާއި، އަސްކަރީ ބޭސިކް ސްކިލްސްގެ ދާއިރާތަކުން މުދައްރިބުން ބިނާކުރުމަށްޓަކައި ހިންގާ ތަމްރީނުތައް ހިންގުމަށް އުފައްދާފައިވާ ޚާއްޞަ ސްކޫލެކެވެ.
ރައީސް އޮފީހުން ވިދާޅުވީ އެ ސްކޫލް ހުޅުއްވައިދެއްވުމަށްފަހު ރައީސް ޞާލިޙް ވަނީ އެ މަރުކަޒުގެ ބައެއް ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވާފައި ކަމަށެވެ. މި ގޮތުން އެ ތަނުގެ އެޑްމިން ބްލޮކަށާއި، އަދި ކޮމްޕޯސިޓް ޓްރެއިނިންގ ސެންޓަރގެ ކޮމްޕައުންޑަށް ވަޑައިގަންނަވާ، އެ ތަންތަން ވަނީ ބައްލަވައިލައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
އެތަންތަނާއި ގުޅޭގޮތުން ރައީސް އޮފީހުން ވިދާޅުވީ، އެޑްމިން ބްލޮކަކީ ކޮމްޕޯސިޓް ޓްރެއިނިންގ ސެންޓަރުގެ ފުރަތަމަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ ނޮދަރން އޭރިޔާ ހެޑްކުއާޓަރޒް އަދި ހުރިހާ ތަމްރީނުތަކެއްގެ އިދާރީ ހިންގުން ބަލަހައްޓާ މައި އޮފީސް ކަމަށެވެ. އަދި ކޮމްޕޯސިޓް ޓްރެއިނިންގ ސެންޓަރގެ ކޮމްޕައުންޑަކީ އަސާސީ ތަމްރީނު ދިނުމަށް ޚާއްޞަކޮށްގެން އެއްފަހަރާ 190 ދަރިވަރުންނަށް ތަމްރީނު ދެވޭ ގޮތަށް ބިނާކޮށްފައިވާ ތަނެއް ކަަމށެވެ. މި ތަނުގައި ދަރިވަރުންނަށް ބޭނުންވާނެ ހުރިހާ އަސާސީ ޚިދުމަތްތަކެއް ޤާއިމުކޮށްފައިވާ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.
ކޮމްޕޯސިޓް ޓްރެއިނިންގ ސެންޓަރ ބައްލަވައިލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގައި ހަނދާނީ ރުކެއް ވެސް އިންދަވައިދެއްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!