ސަރުކާރު ވަޒީފާ އެންމެނަށް ހަމަ ނުޖެއްސޭނެކަން އެމްޑީޕީ މެމްބަރުން ގަބޫލުކުރާ ކަމަށާއި ގަބޫލު ކުރަން ބޭނުން ނުވަނީ އެ ޕާޓީއާ ދެކޮޅަށް މަސައްކަތްކުރި މީހުންނަށް ސިޔާސީ މަގާމުތައް ބެހުން ކަމަށް އެމްޑީޕީއަށް ނިސްބަތްވާ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ރާއީ މިހެން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ކުރިއަށްދިޔަ އެމްޑީޕީ ޔޫތު ކޮންފަރެންސްގައި ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވަހަކަ އަށް އިޝާރާތްކޮށެވެ. ނަޝީދު ބުނެފައި ވަނީ ޕެޕާ ސްޕްރޭ ޖެހުނު މީހުންނަށްވެސް ކޮންމެވެސް ކަމެއް އޮންނަން ވާނެ ކަން ޤަބޫލުކުރައްވާ ކަމަށާއި، ނަމަވެސް އެ އެންމެންނަށް ސަރުކާރުން ވަޒީފާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ރާއީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީއާ ދެކޮޅަށް މަސައްކަތްކުރި މީހުންނަށް ސިޔާސީ މަގާމުތައް ބެހުމަކީ ހިތި ހަގީގަތެއް ކަމަށާއި އެއީ އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
ނަޝީދުގެ އެ ވާހަކައަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން އެމަނިކުފާނު ވަނީ އެކަމަށް މާފަށް އެދިވަޑައިގަތް އިއްޔެ ޓްވީޓެއް ކުރައްވާފައެވެ. ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެއްކި ވާހަކަ ވަނީ ވަރަށް ބޮޑަށް އޮޅިފައި ކަމަށެވެ.
"އަޅުގަނޑުގެ ބަހުރުވަ ހުރި ގޮތުން އޮޅުނު އޮޅުމެއް ކަމަށް ވާނަމަ ވަރަށް ބޮޑަށް މަޢާފަށް އެދެން. އަޅުގަނޑު ނުކުތާއަކީ އެންމެނަށް ސަރުކާރު ވަޒީފާ ހަމަޖެއްސުމަކީ ވާނެ ކަމެއް ނޫންކަން ފާހަގަ ކޮށްލުން. އަދި ވަޒީފާއެއް ހަމަޖެހެން ޖެހޭނީ ސިޔާސަތު ހިންގިގެން އުފެދޭ ދެމެހެއްޓެނިވި ވަޒީފާއެއް ކަން ފާހަގަ ކުރުމަށް ދެންނެވި ނުކުތާއެއް." ނަޝީދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!