އެމެރިކާގައި ނޮވެމްބަރ 3 ވަނަ ދުވަހު ކުރިއަށް ދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓު ގުނުން ކުރިއަށް ދާ އިރު، އަދިވެސް އެމެރިކާގެ ދެން އޮތް ދައުރުގެ ރައީސަކަށް ހޮވިވަޑައިގަންނަވާނެ ބޭފުޅެއް ދަންނަވަން ދައްޗެވެ.

އެމެރިކާގެ ބޮޑެތި ގިނަ ސިޓީ ތަކުގެ ވޯޓު ގުނުން އަދިވެސް ކުރިއަށް ދާއިރު، މިއީ އަދިވެސް ނަތީޖާ ކޮންމެ ފަދަ ގޮތަކަށް އެނބުރިގެން ހިނގައިދާނޭ ވަގުތެއްކަމުގައި ގިނަ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. ރިޔާސީ އިންތިޚާބުގައި މި ވަގުތަށް ގުނާފައި ހުރި ވޯޓުން ދައްކާ ގޮތުގައި، ޖޯ ބައިޑަން އުޅުއްވަނީ ރިޔާސީ ރޭހުގެ ކުރީގައެވެ. އަދި ޑޮނާލްޑް ޓްރަމްޕް އަށް ނާކާމިޔާބާއި ކުރިމަތި ލާން ޖެހިދާނެ ކަމަށްވެސް މިހާރު ހީކުރެވުމުގެ ޖާގަ އެބައޮތެވެ.

Ad
rt

ނަމަވެސް، މި ދެބޭފުޅުންގެ ޢަޒުމަކަށް އެއްވެސް ބަދަލެއް އައިސްފައިވާ ހެނެއް ހިޔެއްނުވެއެވެ. ބައިޑަން ވިދާޅުވާ ގޮތުގައި މި އިންތިޚާބު ކާމިޔާބު ކުރުން އޭނާ ވަރަށް ގާތެވެ. ޓްރަމްޕް ވިދާޅުވާ ގޮތުގައި އޭނާއަށް އިންތިޚާބު ހައްޤެވެ.

އެންމެ ފަހުގެ ނަތީޖާ މިވަގުތަށް ބުރަވެފައިވަނީ އެރިޒޯނާ، ޖޯރޖިއާ، ވިސްކޮންސިން، ނެވާޑާ އަދި ޕެންސިލްވޭނިއާއަށެވެ. މި ސިޓީ ތަކުގެ ފުރިހަމަ ނަތީޖާ ލިބުމާއި އެކު، ދެން އޮތް ދަޢުރަކަށް ހޮވިވަޑައިގަންނަވާނެ ބޭފުޅެއް ޔަޤީންވެގެންދާނެއެވެ.

މިވަގުތުގެ ނަތީޖާ ދައްކާގޮތާއިމެދު އެމެރިކާގެ މި ވަގުތު ހުންނެވި ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ، މި ފަހަރުގެ ވޯޓުގައި އޮޅުވާލުންތަކެއް އެބަހުރިކަމަށާއި، އެ މައްސަލަ ސުޕްރީމް ކޯޓަށް ވައްދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޭނާގެ ކެމްޕޭން ޓީމުން ދަނީ މިކަމަށް ތައްޔާރުވަމުންނެވެ. ޓްރަމްޕްއަށ ސަޕޯޓު ކުރާ ގިނަ ބަޔަކު ވަނީ މަގުތައް މައްޗަށް ނުކުމެ، މިހާރު ގުނަމުންދާ ވޯޓުތައް ނުގުނައި ހުއްޓާލުމަށް ގޮވާލަމުންނެވެ.

ހަމަ އެއާއި އެކު، ބައިޑެންގެ ސަޕޯޓަރުންވެސް ވަނީ މަގުތައް މައްޗަށް ނުކުމެ، ވޯޓު ގުނުން ހުއްޓާލުމަކީ ޤާނޫނީ ގޮތުން ކުށެއް ކަމަށާއި، އެކަން އެ ގޮތަށް ނުކުރުމަށް ގޮވާލާފައެވެ. އަދި ޓްރަމްޕް ދައްކަވަމުން ގެންދަވާ ވާހަކައިގައި އޮއްޓަރެއް ހުންނާނީ އެކަމަށް އެކަށީގެންވާ ހެކި ދެއްކެވުމުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް ޑިމޮކްރެޓްގެ ކެނޑިޑޭޓު ބައިޑެން ވަނީ އެމެރިކާގެ ވޯޓު ލީ މީހުންގެ ތެރެއިން 71.5 މިލިޔަން ވޯޓު ކާމިޔާބުކުރައްވާފައެވެ.