ޢަރަބި ބައެއް ޤައުމުތަކުން އިޒްރޭލާއި އެކު ސިޔާސީ ގުޅުން ދަމަހައްޓަމުންދާއިރު، އެ ލިސްޓަށް އެންމެ ފަހުން ސޫދާންގެ ނަން އިތުރުކޮށް އެ ޤައުމުން އިޒްރޭލާއި އެކު ސިޔާސީ ގުޅުން ދެމެހެއްޓުމަށް ނިންމައިފިއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބަށް ދުވަސްކޮޅަކަށްވެފައި ވަނިކޮށް، އެ ޤައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕްވަނީ ހުކުރު ދުވަހު މިކަން އިޢުލާންކޮށްފައެވެ.

Ad
rt

އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އަދި ބަޙްރެއިން އިން މިދިޔަ މަހު ވައިޓް ހައުސްގައި އިޒްރޭލާއިއެކު ސިޔާސީ ގުޅުން ޤާއިމު ކުރި ކަމުގެ ފަތްކޮޅެއްގައި ސޮއި ކުރިއިރު، މި ލިސްޓަށް ސޫދާންގެ ނަން އިތުރުވެގެން ދިޔުމަކީ އެމެރިކާއިން ދެކޭ ގޮތުގައި ޢަރަބި ދުނިޔޭގައި ހަމަޖެހުން ގެނުވައިދޭނެ ކަމެކެވެ.

ޓްރަމްޕްގެ މި ޚަބަރު އިޢުލާންކުރުމާއި އެކު، އޭނާ ވަނީ ސޫދާން އަކީ ޓެރަރިޒަމްއަށް ސްޕޮންސަރ ކުރާ ޤައުމު ތަކުގެ ލިސްޓުންވެސް ނަގާފައެވެ. މިއީ މި ޤައުމުން މި ގުޅުން ދެމެހެއްޓުމުގައި އިސްކަންދިން އެންމެ ބޮޑު އެއް ސަބަބު ކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި، ޓްރަމްޕް މި ދެ ޤައުމުގެ އެއްބަސްވުމަކަށް ގެނުވާފައިވަނީ، ވައިޓްހައުސްއިން ސޫދާންގެ އިސް ލީޑަރުންނާއި އަދި އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތެންޔާހޫ އާއި އެކު ކުރެއްވެވި ފޯނު ކޯލަކުންނެވެ. އަދި މި ކޯލުގައި ނެތެންޔާހޫ ބުނި ގޮތުގައި، މި އެއްބަސްވުމާއި އެކު، މި ސަރަހައްދު (ޢަރަބި ސަރަހައްދު) ގެ ކަންކަން މުޅިން ބަދަލުވެގެންދާނެ އެވެ. އަދި ޢާންމު ފަރުދުންގެ ދިރިއުޅުން އިތުރަށް ފަހިވެ، ޤައުމުތައް އާރާސްތުކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ. ކުރިމަގު ބިނާ ކުރުމަށް އިތުރު ފިޔަވަޅެއް އެޅިގެންދާނެއެވެ.

ސޫދާނަކީ އިޒްރޭލާއިއެކު ގުޅުން ގާއިމުކުރި ފަސް ވަނަ ޤައުމު

ޓްރަމްޕް އިތުރަށް ވިދާޅުވި ގޮތުގައި ޢަރަބި އިތުރު ޤައުމުތަކުން އިޒްރޭލާއި އެކު ސިޔާސީ ގުޅުން ދެމެހެއްޓުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ގޮތުން ސަޢުދީ ޢަރަބިޔާއިންވެސް އަންނަނީ މި ކަމާމެދު ވިސްނަމުންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އަހަންނަށް އިނގޭ ގޮތުގައި އަދި އިތުރު 5 ޢަރަބި ޤައުމަކުން މި އެއްބަސްވުމުގައި ބައިވެރިވުމަށް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި. އަދި އަވަސް މުސްތަޤުބަލެއްގައި މި ކަން އިޢުލާން ކުރާނެ. އަދި އިތުރު ޤައުމުތައް އައުންވެސް އެކަށީގެންވޭ" ޓްރަމްޕް ވިދާޅުވިއެވެ.

މިދިޔަ މަހުގެ ނިޔަލަށް އިޒްރޭލާއި އެކު ސިޔާސީ ގުޅުން ދަމަހައްޓާފައިވާ ހަމަ އެކަނި ޢަރަބި ޤައުމުތަކަކީ، ޖޯރޑަން އަދި މިޞްރެވެ. އަދި މި ދެ ޤައުމުންވެސް މި އެއްބަސްވުމަށް އައިސްފައިވަނީ އެމެރިކާ މެދުވެރިއަކަށް ވެގެންނެވެ.