ކުޅުދުއްފުށީގައި ކޯވިޑް-19ގެ ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިކަމަށް ބެލެވޭކަމަށް ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފިއެވެ.
އެޗްއީއޯސީން ބުނީ ކުޅުދުއްފުށިން މިމަހުގެ ފެނިފައިވާ ކޯވިޑް-19ގެ ކޭސްތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓެކްޓް ޓްރޭސިން އަދި ޓެސްޓިންގެ ތެރެއިން 4 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން އެ ރަށުގައި ބަލި ކޮންޓްރޯލު ކުރުމަށް އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި އެ ރަށުގެ ޓާސްކްފޯހާއި އެޗްޕީއޭގެ ޓެކްނިކަލް ޓީމާއެކު އެރަށުގައި މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތަމެދު މަޝްވަރާ ކޮށް، ގައިޑެންސް ދީފައިވާކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ކުޅުދުއްފުށީގެ ކޯވިޑްގެ ހާލަތާއި ގުޅިގެން ކުޅުދުއްފުށީ ކައުންސިލުން ބުނީ އެރަށުގައި ކޯވިޑް-19 ރޯގާގެ ބިރުވެރިކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި ރައްކާތެރިވުމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅުތައް އެޅުމަށާއި ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދަށް ފުރިހަމައަށް ބޯލެބުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށެވެ.
މިގޮތުން ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ބޭރަށް ނުނިކުތުމަށާއި، ބޭރަށް ނުކުންނަނަމަ މާސްކު އަޅައި ގައިދުރުކަން ބެހެއްޓުމަށާއި، މިސްކިތަށް ދިއުމުގައި އިސްލާމިކް މިނިސްޓްރީގެ އެންގުންތަކަށް ބޯލެބުމުގެ ގޮތުން، މާސްކު އެޅުމާއި، މުސައްލައެއް ހިފައިގެން މިސްކިތަށް ދިއުމަށާއި، ގެއިން ވުޟޫ ކޮށްގެން ދިއުމާއި، ކުޑަކުދިންނާއި މުސްކުޅިން ޖަމާއަތުގައި ބައިވެރި ނުވުމާއި، ބަލީގެ އަލާމާތެއް ހުރިނަމަ ޖަމާއަތަށް ނުދިއުމަށާއި، ވިޔަފާރި ކުރުމަށް ފިހާރަތަކަށް ދިއުމުގެ ބަދަލުގައި އޮންލައިންކޮށް މުދަލަށް އޯޑަރު ކުރުމަށާއި އަދި އާންމު ސާފުތާހިރުކަމަށް ސަމާލުވުމާއި ގިނަ ގިނައިން އަތްދޮވުމަށް ކުޅުދުއްފުށީ ކައުންސިލުން ވަނީ އެދިފައި އެވެ.
އެޗްޕީއޭގެ ހާއްސަ ހުއްދައިގެ ދަށުން އުތުރަށް ދަތުރުކުރި ފުލުހުންތަކަކާއި ކޮންޓެކްޓްވެ އުފެދުނު އުތުރު ޕޮލިސް ކްލަސްޓާއާއި ގުޅިގެން ފުރަތަމަ ޕޮޒިޓިވްވީ ކުޅުދުއްފުށީ ސިޓީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހެކެވެ. މިމަހުގެ 5 ވަނަ ދުވަހު އޭނާ ޕޮޒިޓިވް ވުމާއި ގުޅިގެން އެ ސިޓީ ހިމެނޭހެން، އެ ފުލުސްމީހާ ދަތުރުކުރި 6 ރަށެއް މޮނިޓަރިންގ ހާލަތަށް ވެސް ގެނައެވެ. ޖެހިގެންއައި ދުވަހު އެރަށްތައް ވަނީ މޮނިޓަރިން ހާލަތުން ނަގާފައެވެ.
އުތުރު ޕޮލިސް ކްލަސްޓާއާއި ގުޅިގެން ކުޅުދުއްފުށީ ސިޓީއިން ޕޮޒިޓިވްވި މީހުންގެ އިތުރުން ހއ. ދިއްދޫން 3 މީހުންނާއި، ށ. ފޯކައިދޫން މީހަކާއި އަދި ހދ. ކުރިނބީން ވެސް މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކުޅުދުއްފުށިން މިވަގުތު ކޯވިޑްގެ-19 އެކްޓިވް 7 ކޭސް ވަނީ ފެނިފައެވެ. އެއީ 4 ދިވެހިންނާއި 3 ބިދޭސީންނެވެ.
ކުޅުދުއްފުށީގައި ކޯވިޑް-19ގެ ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިކަމަށް ބެލެވޭކަމަށް އެޗްއީއޯސީ ބުނެފައިވާއިރު، އެރަށަކީ އުތުރުގެ ތިން އަތޮޅުގެ ރަށްތިޔުން ގިނަ ޚިދުމަތްތަކަކަށް ބަރޯސާވެފައިވާ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!