ލޯންޗު ބަންޑުންވި ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދު އަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ފަސް މީހުން ނިޔާވި ހާދިސާއާ ގުޅިގެން އެމީހުންގެ އާއިލާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފި އެވެ.

Ad
rt

ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށާއި، ނިޔާވި ފަރާތްތަކުގެ އާއިލާތަކަށް ހިތުގެ އަޑިން ތައުޒިޔާ ދަންނަވާ ކަމަށެވެ.

ރައީސްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.

މިއަދު ހިނގި ހިތާމަވެރި ހާދިސާގައި ނިޔާވި ފަސް މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ ހަތަރު މީހުން ހިމެނެ އެވެ. އެއީ ދެމަފިރިންނާއި އެ ދެމީހުންގެ އަންހެން ދަރި އަދި ކާފަ ދަރިއެކެވެ.

މިހިތާމަވެރި ހާދިސާއާއި ގުޅިގެން ސަރުކާރުގެ އިސްވެރިންނާއި އެކި ފަރާތްތަކުން އަންނަނީ މި އާއިލާތަކަށް ތައުޒިޔާ ދަންނަވަމުންނެވެ.