ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ހަމަހަމަކޮށް ސަރވިސްޗާޖް ބެހުމަށް ލާޒިމްކޮށްފައިވާ ވަޒީފާއާއިބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 02/2008) އަށް ހަވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.
އެ ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ
ޚިދުމަތަކުން، %10 (ދިހައެއް އިންސައްތަ) އަށްވުރެ މަދުނޫން ޢަދަދަކުން ސަރވިސްޗާޖް ނަގަންވާނެއެވެ. އަދި، ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހިންގާ ވިޔަފާރިތައް ފިޔަވައި، އެހެން ވިޔަފާރިތަކަށްވެސް އެ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ޚިދުމަތަކުން ސަރވިސްޗާޖް ނެގުމުގެ އިޚްތިޔާރު އެފަރާތްތަކަށް ލިބިގެންވެއެވެ.
މިގޮތުން ސަރވިސްޗާޖުގެ ގޮތުގައި ނަގާ ފައިސާ، ވަޒީފާދޭ ފަރާތުގެ ހުރިހާ މުވައްޒަފުންގެ މެދުގައި އެ ބިލުގައިވާ ގޮތުގެ މަތީން ހަމަހަމަކަމާއެކު ބަހަންވާނެ ކަމަށް އެ ބިލުގައި ބުނެފައިވެއެވެ. އަދި ސަރވިސްޗާޖުގެ ގޮތުގައި ފާއިތުވި މަހު ލިބުނު ފައިސާ، ހިނގަމުންދާ މަސް ނިމުމުގެ ކުރިން މުވައްޒަފުންނަށް ދީ ނިންމަންވާނެ ކަމަށް ވެސް އެ ބިލުގައި ބުނެފައި ވެއެވެ.
އެއްވެސް ތަނެއްގައި ސަރވިސްޗާޖް ބެހުމުގައި އެތަނެއްގައި ފޯރުކޮށްދޭ ޚިދުމަތްތައް ދިނުމުގައި، މަސައްކަތްކުރާ އެންމެހައި މުވައްޒަފުންގެ މެދުގައި ތަފާތުކުރެވިގެން ނުވާނެ ކަމަށާއި، މި މާއްދާގެ ބޭނުމަށް ވިޔަފާރިއެއްގެ ތެރޭގައި ތަފާތު ޚިދުމަތްދޭ ވަކިވަކި ވިޔަފާރިތައް މާނަކުރަންވާނީ އެއް ހަމައަކުން ކަމަށް އެ ބިލުގައި ބުނެފައި ވެއެވެ.
މީގެއިތުރުން ސަރވިސްޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ކޮންމެ މަހަކު ލިބުނު ފައިސާގެ ޖުމުލަ ޢަދަދުގެ ތެރެއިން، އިދާރީ ފީގެ ގޮތުގައި %1 (އެކެއް އިންސައްތަ) ނެގިދާނެ ކަމަށް އެ ބިލުގައި ބުނެފައި ވާއިރު، އަދި އެއްވެސް ޙާލެއްގައި އެއަށްވުރެ އިތުރު ޢަދަދެއް ވަޒީފާދޭ ފަރާތުން ނަގައިގެންނުވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން މި ބިލުގައި ސަލާމުގެ ޗުއްޓީގެ ގޮތުގައި ބަޔާންކުރާ 30 ދުވަހުގެ ތެރެއިން 15 ދުވަސް، ވިދިވިދިގެން ދެ ދުވަހަށްވުރެ ދިގު ނުވާނެ ގޮތެއްގެ މަތިން، މެޑިކަލް ސެޓްފިކެޓަކާއި ނުލައި، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބޭނުންކުރުމުގެ އިޚްތިޔާރު، ވަޒީފާ އަދާކުރާ ފަރާތަށް ލިބިދީފައިވެއެވެ.
ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ، މި ޤާނޫނުގެ ދަށުން ވަޒިފާއާއިބެހޭ ކަންތައްތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ ވަގުތަކުގެ ހަވާލުކުރެވިފައިވާ މިނިސްޓްރީ ހިންގުމާއި ހަވާލުވެހުންނެވި މިނިސްޓަރަކު ޤާނޫނުގައިވާ ގޮތުގެ މަތިން ކަނޑައެޅުމަށް މި ބިލުގައި ވަނީ ބަޔާންކޮށްފައިއެވެ. އަދި، އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާއި ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުމަށްޓަކައި "މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު" ގެ ނަމުގައި ބޯޑެއް އުފެއްދުމާއި، ބޯޑުގެ މަސްއޫލިއްޔަތުތައް ވެސް މި ބިލުގައި ހިމަނާފައިވެއެވެ.
މި ބިލަކީ 2020 ސެޕްޓެންބަރު މަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
ވަޒީފާއާއިބެހޭ ޤާނޫނަށް ހަވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާއިއެކު، އެ ޤާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި އިޞްލާހުގެ 12 ވަނަ މާއްދާފިޔަވާ އެހެން ހުރިހާ މާއްދާއަކަށް މި އިޞްލާހު މިއަދު ތަސްދީޤު ކުރުމާއެކު ޢަމަލުކުރަން ފަށާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!