ރާއްޖޭގެ ކޮންމެ ރަށަކަށް 10 ބޯޅަ ހަދިޔާކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސުން ނިންމައި އެ މަސައްކަތް ފަށައިފިއެވެ.
ރާއްޖޭގެ ކޮންމެ ރަށަކަށް 10 ބޯޅަ ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށާއި މި ބޯޅަތަކަކީ މި އަހަރު ބޭއްވުމަށް ނިންމި މިނިވަން ޗެމްޕިއަންޝިޕްް ފުޓްބޯޅަ މުބާރާތަށް އެފްއޭއެމް އާއި ކުޅިވަރާއި ބެހޭ ވުޒާރާއިން ގެނައި ބޯޅަތަކެއް ކަމަށް އެފްއޭއެމްއިން ހާމަކޮށްފައިވެ އެވެ.
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފްގެ މަޝްވަރާއާއެކު އެފްއޭއެމުން ނިންމީ ކޮންމެ ރަށަކަށް ހަމަހަމަ އުސޫލަކުން ބޯޅަތައް ހަދިޔާ ކުރުމަށް ކަމަށާއި އެ އުސޫލުގެ ދަށުން ބޯޅަ ހަދިޔާކުރާނީ އެކި ދާއިރާތަކުގެ މަޖިލިސް މެންބަރު މެދުވެރިކޮށްގެން ނެވެ.
މިހާތަނަށް 25 ދާއިރާއެއްގެ މެންބަރުނަށް ބޯޅަ ހަދިޔާކުރެވިފައިވާ ކަމަށާއި އަންނަ ހަފުތާގެ ތެރޭގައ ހުރިހާ ދާއިރާއަކަށް ބޯޅަ ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ.
ކުޅިވަރުގެ ދާއިރާ ތަރައްޤީކޮށް މުޅިރާއްޖެ ހިމެނޭ ގޮތަށް ފުޓްބޯޅަ މުބާރާތްތައް ކުޅުމަށް އެފްއޭއެމުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
2023 އަދި 2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު 16 ޓީމާއެކު ހޯމް އެންޑް އަވޭ އުސޫލުން މުޅި ރާއްޖޭގައި ކުޅުމަށް އެފްއޭއެމުން ނިންމާފައިވެއެވެ.
މި މުބާރާތަށް ހާއްސަކޮށް އޭއެފްސީގެ މިންގަނޑަށް ފެތޭ 20 ފުޓްބޯޅަ ދަނޑު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޅުމުގެ މަސައްކަތް ކުރުމަށްވެސް އެފްއޭއެމުން މިހާރު ވަނީ ތައްޔާރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!