އިންޑިއާ ސިފައިން ޕާކިސްތާންގެ ތިން އަހަރުގެ އަންހެން ކުއްޖަކު ޝަހީދުކޮށްލައިފި އެވެ.
ޕާކިސްތާންގެ އަސްކަރިއްޔާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާ ސިފައިން ދިން ހަމަލާއެއްގައި ޕާކިސްތާންގެ އާއްމުންގެ މީހަކާއި ކުޑަކުއްޖަކު ޝަހީދު ވެފައިވާ ކަމަށެވެ. އެއީ ތިން އަހަރުގެ އަންހެން ކުއްޖަކާއި އުމުރުން 45 އަހަރުގެ ފިރިހެނެކެވެ. ދެމީހުން ވެސް ޝަހީދުވީ އިންޑިއާ ސިފައިންގެ ހަމަލާތަކުގެ ސަބަބުން ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
އިންޑިއާ އާއި ޕާކިސްތާނުން ކޮންޓްރޯލް ކުރާ ކަޝްމީރުގެ ސަރަހައްދު ވަކިކުރާ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ގައި އިންޑިއާ ސިފައިން ދިން ހަމަލާގައި އިތުރުން އާއްމުންގެ ތިން މީހަކު ވަނީ ޒަހަމްވެސް ވެފައެވެ. މީގެ އިތުރުން ޕާކިސްތާންގެ އަވަށެއް ކަމަށްވާ ނެކްރަން އަވަށުގެ ތިން ގެއެއްގައި އަލިފާން ރޯވެ، އެގެތަށް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވާކަމަށް ޕާކިސްތާނުގެ މީޑިޔާތަކުން ޚަބަރު ފަތުރާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!