ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ށ. މިލަންދޫ ޞިއްޙީ މަޒުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ސަރުކާރުން ޢިއުލާން ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި ޢިއުލާނެއްގައި ބުނީ މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން، މިލަންދޫ ޞިއްޙީ މަޒުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

Ad
rt

މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާކަން ބަޔާންކޮށް އެ އިއުލާންގައި ބުނީ މި މަސައްކަތްތަށް ޝަރުތުހަމަވާ ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން ކަމަށެވެ.

މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށް އެ ޢިއުލާންގައި ބުނެފައި ވެއެވެ.

މި ޕްރޮޖެކްޓްގެ ބީލަން ހުޅުވުން އޮންނާނީ 26 އޮކްޓޫބަރު 2020 ވާ ހޯމަ ދުވަހުގެ 13:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައިކަމަށް ފިނޭންސުން ކުރި ޢިއުލާނުގައި ބުނެފައިވެއެވެ.

ރޭ ފިނޭންސް މިނިސްޓްރީއިން ވަނީ ށ. މިލަންދޫ ޞިއްޙީ މަޒުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމުގެ އިތުރުން ހއ. އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒު އަޕްގްރޭޑް ކޮށްދޭނެ ބަޔަކު ހޯދުމަށާއި، ކުޅުދުއްފުށީގައި ޓާޝިއަރީ ހޮސްޕިޓަލް ހެދުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފައެވެ.

މީގެ އިތުރުން ގދ. ތިނަދޫ ޓާޝިއަރީ ހޮސްޕިޓަލް ހެދުމުގެ މަސައްކަތާއި، ތ. ވިލިފުށި އައު ހޮސްޕިޓަލްގެ މަސައްކަތާއި، ދ. ކުޑަހުވަދޫ ހޮސްޕިޓަލް އައު އިމާރާތުގެ މަސައްކަތާއި، ބ. އޭދަފުށި އަތޮޅު ހޮސްޕިޓަލް އެކްސްޓެންޝަންގެ މަސައްކަތާއި، ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލްގެ މަސައްކަތާއި، އއ. ރަސްދޫ ހޮސްޕިޓަލް އެކްސްޓެންޝަންގެ މަސައްކަތާއި، އދ. މާމިގިލީ ޞިއްޙީ މަޒުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި އަދި ޅ. ހިންނަވަރު އައު ޞިއްޙީ މަރުކަޒުގެ މަސައްކަތް ކުރާނެ ފަރާތްތައް ހޯދުމަށް ވެސް ފިނޭންސް މިނިސްޓްރީއިން ވަނީ ޢިއުލާން ކޮށްފައެވެ.