ކުޅުދުއްފުށީގައި ހުންނަ ކޭޕީއެލް ކަރަންޓީނު ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ހއ. ކެލާ މީހާ ނިޔާވެފައި ވަނީ ކޯވިޑް ބަލީގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ކުޅުދުއްފުށީ ކަރަންޓީނު ފެސިލިޓީގައި ބަހައްޓައިގެން ފަރުވާ ދެމުންދިޔަ ކެލާ، އުމުރުން 58 އަހަރުގެ މީހާއަކީ ކެލާގައި ހޯމްކަރަންޓީނުގައި ހުރުމަށްފަހު ފަރުވާއަށް ކުޅުދުއްފުއްޓަށް ގޮސްހުރި، ކެންސަރު ބަލީގެ މީހެކެވެ.

Ad
rt

އެމީހާ ބަލިވެގެން ކުޅުދުއްފުއްޓަށް ގެނެސްފައިވަނީ އިއްޔެ އެވެ. އަދި އޭނާ ކެލާގައި ހޯމް ކަރަންޓީނުގައި ހުރީ އިންޑިއާއިން ފަރުވާ ހޯދުމަށްފަހު އެނބުރި އެ ރަށަށް އައުމަށްފަހުއެވެ.

މިއާއިއެކު ރާއްޖެއިން މިބަލީގައި މަރުވި މީހުންގެ ޢަދަދުވަނީ 31 އަށް އަރާފައެވެ. މިއަދު އިރުއޮއްސި 6:24 ގައި ވެސް ވަނީ ކޯވިޑް ބަލީގައި މީހަކު ހުޅުމާލޭ ކޯވިޑް ފެސިލިޓީ، އައިސީޔޫގައި ނިޔާވެފައިއެވެ. އެމީހާއަކީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިހާތަނަށް ރާއްޖެއިން މުޅި ޖުމްލަ 8،741 މީހަކު ވަނީ ކޯވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން 6،157 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 2،549 މީހުން އެބައްތިއްބެވެ.

އޭގެތެރެއިން 1،096 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި އިރު 139 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

މިވަގުތު ވެސް މާލެ ފިޔަވައި އަތޮޅު ތެރޭގެ 25 ރަށެއްގައި އަދި 23 ރިސޯޓެއްގައި ކޯވިޑް ބަލީގެ މީހުން އެބަތިއްބެވެ.