ހަމައެކަނި ކަރަންޓީން ވުމުގެ ބޭނުމުގައި ށ. މިލަންދޫއަށް ދާ މީހުންނަށް، އެ ރަށުގައި ކަރަންޓީނު ވުމަށް ހުއްދަ ނުދޭން އެ ރަށު ކައުންސިލުން ފާސްކޮށްފިއެވެ.

މި ނިންމުން ނިންމާފައި ވަނީ މިއަދު މެންދުރުފަހު 13:00 ގައި އޮތް މިލަންދޫ ކައުންސިލުގެ ތިންވަނަ ދައުރުގެ 93 ވަނަ ޢާއްމު ޖަލްސާގައެވެ.

Ad
rt

މިއަދު އެ ކައުންސިލުން އެކަމާއި ގުޅިގެން ނިންމި ނިންމުމުގައި ބުނަނީ ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ކޯވިޑް-19 ހަލުއިކަމާއި އެކު ފެތުރެމުންދާ މިދަނޑިވަޅުގައި އެހެނިހެން ރަށްރަށުގެ މީހުން ހަމައެކަނި ކަރަންޓީނުވުމުގެ ބޭނުމުގައި މިލަންދޫއަށް އަންނަމުން ދާކަމަށެވެ.

މި ގޮތަށް އަންނަ މީހުން އެރަށުގައި ކަރަންޓީނު ވަމުންދާތީ އެކަމާއި ގުޅިގެން އެ ރަށުގެ ރައްޔިތުން ކައުންސިލަށް އެކަން ހުށަހަޅަމުން ދާ ކަމަށް މިލަންދޫ ކައުންސިލުން ނިންމި ނިންމުގައި ބުނެފައި ވެއެވެ.

"މިލަންދޫގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން މިލަންދޫގެ ރަށްވެހިންނާއި، އެފަރާތްތަކާއި ޢާއިލީގޮތުން ގުޅިފައިވާ ފަރާތްތަކާއި، ސަރުކާރުގެ ރަސްމީބޭނުންތަކުގެ ތެރެއިން މިލަންދޫއާއި ގުޅުންހުރި އެކިއެކި ބޭނުންތަކުގައި މިލަންދޫއަށް ޒިޔާރަތްކުރާ ފަރާތްތައް ފިޔަވައި އެހެނިހެން ރަށްރަށުގެ މީހުން ހަމައެކަނި ކަރަންޓިނު ވުމުގެ ބޭނުމުގައި މިލަންދޫ އަށް އައިސް މިލަންދޫގައި ކަރަންޓީނުގައި ތިބުމުގެ ހުއްދަ ނުދިނުމަށް މިކައުންސިލުން ނިންމައެވެ."

މިލަންދޫ ކައުންސިލްގެ ނިންމުމުގައި ބުނެފައި ވެއެވެ.

މިލަންދޫ ރަށްވެހިންނާއި ޢާއިލީ ގޮތުން ގުޅިފައިވާ މީހުންކަމުގައި ބަލާނީ މިލަންދޫ ރަށްޔިތުންގެ ތެރެއިން ރަށުން ބޭރުން މީހުންނާއި އިނދެގެން އުޅޭ ފަރާތްތަކުގެ އަނބިމީހާ ފިރިމީހާ، ދަރިން، މަންމަ، ބައްޕަ، އެއްބަނޑު އެއްބަފާ މީހުން ކަމުގައިވެސް އެ ނިންމުމުގައި ބުނެފައިވެއެވެ.

ރާއްޖޭގައި ހަލުވިކަމާއިއެކު ކޯވިޑް ފެތުރެމުންދާއިރު، މިވަގުތު ވެސް މާލެ ފިޔަވައި އަތޮޅުތަކުގެ 41 ރަށެއްގައި ކޯވިޑް ބަލިމީހުން އެބަތިއްބެވެ. އިއްޔެ އެކަނިވެސް އަތޮޅު ތެރޭގެ 7 ރަށަކުން އަލަށް 20 މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު، އޭގެ ތެރޭގައި މިލަންދޫ ނިސްބަތްވާ ށ އަތޮޅު ފީވަކު މީހަކުވެސް ހިމެނެއެވެ.

މީގެ ކުރިން ނަރުދޫ އަމާޒު ބޯޓު ކޭހާއި ގުޅިގެން މިލަންދޫ މީހަކު ކޯވިޑަށް ޕޮޒިޓިވްވެ ވަނީ ރަނގަޅުވެފައެެވެ.