ދިވެހި މި ލޮބުވެތި ފަސްގަނޑަށް ދިމާވި ދަތި އުނދަގޫ ކޮންމެ ވަގުތެއްގައި ތިލަދުން މަތީގެ ދަރީން ވަނީ ޤައުމަށްޓަކައި ޤުރުބާންވެ ވަޑައިގެން ޤައުމު ދިފާޢުކުރައްވާފައެވެ. ތިލަދުންމައްޗަކީ މުޅިޤަމުގެ ފަޚުރެއްކަން ޔަޤީނެވެ. ތިލަދުންމަތީ މީހުންނަކީ، މާތްވެގެންވާ އިސްލާމްދީނަށް ލޯބިކުރާ، ޒަމާނުއްސުރެ ރިވެތި އަޚުލާޤެއްގެ ވެރިބައެކެވެ. ސުލްހަމަސްލަހަތަށާއި، އެކުވެރިކަން އިސްކުރާ ބަޔެކެވެ. ޤައުމިއްޔަތުގެ ރޫޙު ހިތްތަކުގައި ބިންވަޅު ނެގިފައިވާ ބަޔެކެވެ. އެންމެ ފުރަތަމަ ޤައުމުކަމަށް ޢަމަލާއި ބަހުން މިސާލުދައްކުވައިދިން ރައްޔިތެކެވެ. ތިލަދުންމަތީ ރައްޔިތުންނަކީ މަޑުމޮޅި ކަމާއި، ސާދާކަމުގެ ލާމަސީލު ބަޔެކެވެ.
3 ނޮވެމްބަރ 1988 ދުވަހުގެ ފަތިސް ދިވެހިންނާ ބައްދަލުކުރީ، ހިތައްގެނެވިފައިވެސްނުވާ ނާންމާކަމާއި ބިރުވެރި ކަމެއް ކުރިމަތި ކުރުވަމުންނެވެ. ދިވެހިންގެ ޚާއިނުންގެ ބަޔަކު ސްރީލަންކާގެ ތަމަޅައިންގެ ނިރުބަވެރިންގެ ޖަމާޢަތަކާއި ގުޅިގެން ދިވެހިރާއްޖެ ހިފައި، މިނިވަންކަމަށް އަރައިގަންނަން ރޭވި ރޭވުމުގެ ދަށުން ރާއްޖޭގެ ވެރިރަށް މާލެ އަރައި ހަނގުރާމަފެށީއެވެ. މުޅިޤައުމަށް ލިބިގެން ދިޔައީ ކުއްލި ސިހުމާއި ހައިރާންކަމާއި ބިރުވެރި ކަމެވެ. ވަޠަންގެ މިނިވަންކަން އޮތީ ސުވާލުމާކެއްގެ ތެރޭގައެވެ.
ޤައުމަށް މިދިމާވި ނުރައްކާތެރި ދަނޑިވަޅުގައި، ދުޝްމަނުންގެ ހަމަލާ ނާކާމިޔާބުކޮށްލައި ފުރާނައިން ޤުރުބާންވެ ވަޑައިގެންނެވި ޝަޙީދު ޙުސައިން އާދަމަކީ މުޅި ޤައުމު ފަޚުރުވެރިވާ ތިލަދުންމަތީގެ ދަރިއެކެވެ. ހދ. ކުޅުދުއްފުއްޓަށް އުފަން، ހުސައިން އާދަމް އެދުވަހު ވެވަޑައިގެން ޤުރުބާނީގެ ސަބަބުން ދުޝްމަނުންނަށް ރާއްޖޭގެ ސިފައިންގެ ހިފުމަށް ރާވާފައިވާ ރޭވުން ނާކާމިޔާބު ކޮށްލެއްވިއެވެ. އެދުވަހު ދުޝްމަނުން ރާވާފައިއޮތީ ސިފައިންގެ ހިފުމަށްފަހު، ޤައުމު އަތްދަށަށް ގެނައުމަށެވެ. ނަމަވެސް އަތުގައި އޮތް 60 ވަޒަން ހުސްވެ ޝަޙީދުވަންދެން ހުސައިން އާދަމް ދުޝްމަނުންނާއި ހަމަލާ ބަދަލު ކުރެއްވުމުގެ ނަތީޖާއަކަށްވީ، ދުޝްމަނުންގެ ރޭވުން ނާކާމިޔާބުވެ، ސިފައިންގެ ހިފުމުގެ ފުރުޞަތު ގެއްލިގެން ދިޔުމެވެ.
1968 ވަނަ އަހަރު ބޮޑުތިލަދުންމަތީގެ ކުޅުދުއްފުއްޓަށް އުފަންވެ ވަޑައިގަތް ޝަހީދު ޙުސައިން އާދަމްގެ ނުހަނު ޅައުމުރުގައި ވަޠަންގެ ދިފާއުގައި އައްޑަނައަކަށްވެ ވަޑައިގެން ފުރާނައިންވެވަޑައިގެން މަތިވެރި ޤުރުބާނީއަކީ ދުލަކުން ނުވަތަ ގަލަމަކުން ބަޔާން ކުރެވޭނެ ޤުރުބާނީ އެއްނޫނެވެ. ދިވެހިން ނަސްރުގެ ދުވަސްގޮތުގައި ފާހަގަ ކުރާ ނޮވެމްބަރ 3 ވަނަ ދުވަހަކީ، އެމަތިވެރި ޝަހީދާއެކު، މިޤައުމަށްޓަކައި ފުރާނަ ޤުރުބާންކުރެއްވި އެހެން ޝަހީދުންގެ ޒިކުރާ އައުކުރެވޭ ދުވަހެވެ.
3 ނޮވެމްބަރ 1988 ދުވަހުރޭ ފަތިހު ބަނޑޭރިގޭގެ ބޭރު ދޮރާށީގައި ހުޅަނގު ފަޅީގެ ޑިއުޓީއަށް ހުންނަވައި، ޤައުމަށްޓަކައި އުމުރުން 20 އަހަރުގައި ޝަހީދު ޙުސައިން އާދަމް ވެވަޑައިގަތް ޤުރުބާނީއަކީ އަދުގެ ޖީލު ފިލާވަޅު ލިބިގަންނަން ޖެހޭ ޤުރުބާނީއެކެވެ. މުޅި ތިލަދުންމައްޗާއި، ޤައުމު ފަޚުރުވެރިވާ ޤުރުބާނީއެކެވެ. ދުޢާއަކީ ތިލަދުންމައްޗާއި މުޅި ޤައުމު ފަޚުރުވެރި ކުރުވި އެ ބަޠަލު މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެހެއްޓެވުމެވެ. ހަމަ މިނޭވާގައި އެދުވަހު ޤައުމަށްޓަކައި ޝަހީދުވި އެންމެހާ ބަޠަލުންގެ ޒިކުރާއައުކޮށް، މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި އެބަޠަލުން ލެހެއްޓެވުންއެދި ދުޢާ ކުރަމެވެ. އާމީން!
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!