އާންމުގޮތެއްގައި ކްރޫޒް ލައިނާ ތަކުން ފުރިފައި އޮންނަ މެޑިޓެރޭނިއަން ކަންޑުން ދަތުރުކުރާ ކްރޫޒް ލައިނާ ތަކުގެ ޚިދުމަތް ކޯވިޑް-19 އާއި ގުޅިގެން މެދު ކެނޑުމަށްފަހު، އޮގަސްޓް 16 ވަނަ ދުވަހު އަލުން ދަތުރު ފަށަން ނިންމައިފިއެވެ.
ފެބްރުއަރީ މަހު ޖަޕާންގެ ބަނދަރުގައި ލޮކްޑައުން ކުރެވުނު ޑައިމަންޑް ޕްރިންސަސްއިން އެތައް ބަޔަކު ކޯވިޑަށްޕޮޒިޓިވްވުމާއި އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ކްރޫޒް ލައިނާގެ ޚިދުމަތް މެދުކަނޑާލިއެވެ. އެހެންކަމުން ކްރޫޒް ލައިނާ ތަކުގެ ދާއިރާއަށް ވަނީ 150 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައެވެ.
ނޯވޭޖިއަން ކްރޫޒް ލައިނާ އެމްއެސް އެމްނޑްސަން އަދިވެސް އޮތީ ކްރޫޒް ލައިނާގެ 180 ޕަސިންޖަރުންނާއި 36 ކްރޫންނާއި އެކު ކަރަންޓީން ކުރެވިފައެވެ. ބައެއް ކްރޫޒް ލައިނާ ތަކުން 2021 ވަނަ އަހަރުގެ ޑިސެމްބަރާއި ހަމައަށް ވެސް ވަނީ ދަތުރުތައް ކެންސަލް ކޮށްފައެވެ.
މެޑިޓަރޭނިއަން ކްރޫޒް ލައިނާ ތަކުގެ ދަތުރުތައް ފެށުމުގައި އަޅަން ހަމަޖެހިފައިވާ ފިޔަވަޅުތެރޭގައި އެ ކްރޫޒް ލައިނާތަކުން ދަތުރު ކުރެވޭނީ ހަމައެކަނި ޔޫރަޕްގެ ޝެންގަން ހިސާބުގައި ދިރިއުޅޭ މީހުން އެކަންޏެވެ. އަދި ދަތުރުކުރިއަށް ދާއިރު އެއްވެސް ފަތުރުވެރި އަކަށް ކްރޫޒް ލައިނާއިން އެއްވެސް ބޭނުމަކު އިޓަލީއަށް ފޭބުން މަނާ ވާނެއެވެ. ހަމައެކަނި ފޭބޭނީ ގައިދުރުކަމާއިއެކު ކުރިއަށް ގެންދާ އެކްސްކާރޝަން ވަގުތު އެކަންޏެވެ.
އޮގަސްޓް 16 ވަނަދުވަހު އެންމެ ފުރަތަމަ ފުރުމަށް ހަމަޖެހިފައި ވަނީ އެމްއެސްސީ ގްރޭންޑިއޯސާއެވެ. 7 ދުވަހުގެ މިދަތުރުގައި އިޓަލީގެ ގެނޯއާ، ރޯމް، ޕަލެރމޯ އަދި މޯލްޓާ އަށް މަޑުކުރާނެއެވެ. މިކްރޫޒް ލައިނާގެ އެގްޒެކެޓިވް ޗެއަރމަން ޕިއަރފްރާންސެސްކޯ ވާގޯ ބުނެފައި ވަނީ ކްރޫޒް ލައިނާއަށް އެރުވުމުގެ ކުރިން ހުރިހާ ޕަސިންޖަރުންނާއި ފަޅުވެރިން ކޯވިޑް-19 އަށް ޓެސްޓުކުރާނެކަމަށެވެ. އަދި ޕަސިންޖަރުން ފޯމެއް ފުރުމަށްފަހު ހުންބެލުމާއި އިމިއުނޯފްލޮރެސެންސް ޓެސްޓެއްވެސް ހަދަން ޖެހޭނެ ކަމަށާއި ދަތުރުގައި ބައިވެރިވެވޭނީ މި ޓެސްޓުތަކުން ނަތީޖާ ރަނގަޅުވުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!