ކޯވިޑް-19 އަށް އޮކްސްފޯޑުން ތައްޔާރުކުރި ވެކްސިން ޓެސްޓު ކުރުމުގެ ގޮތުން މައްޝޫރު ކޮމްޕޯޒަރ އެންޑްރޫ ލޮއިޑް ވެބަރގެ ގަޔަށް ޖެހުމަށް އޭނާ ވޮލަންޓިއާ ކޮށްފިއެވެ.
އޭނާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ހުއްޓުމަކަށް އައިސްފައިވާ މުނިފޫހި ފިލުވުމުގެ ދާއިރާ އަލުން ހުޅުވާލުމަށް ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރުމަށް ތައްޔާރަށް ހުރިކަމަށެވެ.
ކޯވިޑް-19 ގެ ސަބަބުން އެންމެ ބޮޑު ގެއްލުމަކާއި ކުރިމަތި ލާންޖެހުނު އެއްދާއިރާއަކީ މުނިފޫހިފިލުވުމުގެ ދާއިރާއެވެ. ތިއޭޓަރުތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް އޮންނަ އެހެނިހެން ތަންތަން ބަންދު ކުރުމާއިއެކު ގިނަ އާޓިސްޓުން ވަނީ މަސައްކަތާއި ދުރުވާން މަޖުބޫރުވެފައެވެ. އެގޮތުން ލޮއިޑްވެސް ހުރީ އަލުން މަސައްކަތް ފެށޭނެ ދުވަހެއްގެ އިންތިޒާރުގައި ކެތްމަދުވެފައެވެ.
ވެކްސިން ޓެސްޓުކުރުމަށް ލޮއިޑް ވޮލެންޓިއަރ ކުރުމާއިއެކު ދާއިރާގެ ގިނަފަރާތްތައް ވަނީ އޭނާގެ ނިންމުމަށް ތައުރީފް ކޮށްފައެވެ.
ލޮއިޑްގެ ގަޔަށް ޓެސްޓު ކުރުމުގެ ގޮތުން ޖަހަން ނިންމާފައި ވަނީ ޔުނިވަރސިޓީ އޮފް އޮކްސްފޯރޑް އަދި ފާމަޝޫޓިކަލް ކުންފުނި އެސްޓްރާޒެނިކާ ގުޅިގެން ތައްޔާރުކުރި ވެކްސިންއެވެ. މިއީރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް ގިނަބަޔަކު ގަބޫލްކުރާ ވެކްސިންއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!