ލަކުޑިން ހަދާފައިވާ ދޮރެއް ހަރުކޮށް، އެތެރޭގައި ކާޕެޓެއް އަޅައި ހޮހޮޅައެއް ތެރޭގައި ދިރި އުޅެމުން އަންނަ ފަލަސްތީނުގެ ރައްޔިތެއްކަމަށްވާ އަހްމަދު އަމަރްނެޙް ހޮހޮޅާގައި ހަދާފައިވާ ގެ ހަލާކު ކޮށްލާނެކަމުގެ އިންޒާރުގެ ނޯޓިސް އިޒްރޭލުން ފޮނުވައިފިއެވެ.

މިއީ ހޮހޮޅައެއްގައި ދިރިއުޅޭ ފަލަސްތީނު މީހުން ބޭރު ކުރަން އިޒްރޭލުން އެންގި ފުރަތަމަ ފަހަރެވެ. މީގެ އިތުރުން އިޒްރޭލުން ވަނީ ފަލަސްތީނު ރައްޔިތުން ދިރިއުޅޭ އިތުރު 20 ގެއެއް ނެތިކޮށްލާނެ ކަމަށް ލިއުން ފޮނުވާފައެވެ.

Ad
rt

އިޒްރޭލުން ބުނަމުން އަންނަނީ ފަލަސްތީނު ރައްޔިތުން، "އެމީހުންގެ އަމިއްލަ ފަލަސްތީނު ބިމުގައި" ގެތައް ބިނާ ކޮށްފައިވަނީ ހުއްދައަކާއި ނުލާކަމަށެވެ. މިކަމާއި ގުޅިގެން އެގޭގެ ވެރިފަރާތް އަހްމަދު އަމަރްނަހް ބުނެފައި ވަނީ ހޮހޮޅައަކީ ގުދުރަތީ ގޮތުން އުފެދިފައި ހުންނަ ތަންތަން ކަމުން އެތާގައި ދިރިއުޅެން ހުއްދަ ނަގަން ޖެހޭކަމަށް ގަބޫލް ނުކުރާ ކަމަށެވެ.

އުމުރުން 30 އަހަރުގެ އާކިޓެކްޓެއް ކަމުގައި ވާ އަމަރްނަހް އެހޮހޮޅައިގައި ދިރިއުޅޭތާ 1 އަހަރަށް ވުރެން ގިނަދުވަސް ވެއްޖެއެވެ. އޭނާ އެގޭގައި އުޅެނީ އޭނާގެ މައިބަފައިނާއި އަނބިދަރީން ގޮވައިގެންނެވެ. މީގެ ކުރިން އެހިސާބުގައި ގެ އިމާރާތް ކުރުމަށް 2 ފަހަރު ހުއްދައަށް އެދުމުން ވެސް ހުއްދަ ދީފައި ނުވާކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

"މިއީ އަހަރެން އަމިއްލަ އަށް ބިނާކުރި ހޮހޮޅައެއްނޫން، މިއީ ގުދުރަތީ ގޮތުން އުފެދިފައިވާ ތަނެއް" އޭނާގެ ތުއްތު ދަރިފުޅު އުރައިގެން ހުރެ އޭނާ ބުންޏެވެ.

ޔުނައިޓަޑް ނޭޝަންސް އިން ފަލަސްތީނު ރައްޔިތުން ދިރިއުޅޭ ސަރަހައްދު "އޭރިއާ ސީ" ގެ ގޮތުގައި ފާހަގަކޮށް ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެން އެހިސާބު ކަންޑައެޅި ކަމުގައި ވިޔަސް، އިޒްރޭލުން އަންނަނީ އެބިމަށް ވެރިވެގަންނަމުންނެވެ.

ފަރާސީން ގެ ނަން ދެވިފައިވާ އެހިސާބުގައި 450،000 ޖުވިޝް ރައްޔިތުން އަދި 2.7 މިލިއަން ފަލަސްތީން ރައްޔިތުން ދިރިއުޅެއެވެ. އަމަރްނާހް ބުނިގޮތުގައި ފަރާސިން ގައި ދިރިއުޅޭ ރައްޔިތުން ތިބީ އިޒްރޭލްގެ ބުލްޑޯޒަރުތައް އައިސް ގެތަަށް ހަލާކު ކޮށްލަފާނެތީ އެކަމުގެ ބިރު ހީވެފައެވެ. މީގެ ކުރިންވެސް އިޒްރޭލް ސިފައިން ވަނީ އެކިފަހަރުމަތިން ފަލަސްތީނު ރައްޔިތުންގެ ގެތައް ސުންނާފަތި ކޮށްލައި، ގެތަކުން ބޭރުކޮށްފައެެވެ.