މާލޭ ސިޓީގައި ދެމުންދާ ބަހުގެ ޚިދުމަތް ތަރައްޤީ ކުރުމަށް ކުރަމުންގެންދާ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިއަދު ބައްލަވާލައްވައިފިއެވެ.

މިގޮތުން މާލެ ސަރަޙައްދުގެ އާންމު ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން، ބަސް ދުއްވާ މަގުތަކުގައި ފަސިންޖަރުން އަރައި ފޭބުމަށް ޚާއްޞަ ކޮށްފައިވާ ބަސްހުއްޓިތައް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދުތަކަށް ނައިބު ރައީސް ފައިޞަލް މިއަދު މެންދުރުފަހު ވަނީ، ޒިޔާރަތްކުރައްވާފައެވެ.

Ad
rt

‎މިގޮތުން އެމަނިކުފާނު ވަނީ، ވެސްޓްޕާކް ސަރަޙައްދަށް ޒިޔާރަތްކުރައްވާ، އެ ސަރަޙައްދުގައި ބަސްހުއްޓި ބިނާކުރުމަށް ހަމަޖެހިފައިވާ ތަން ބައްލަވައިލައްވާފައެވެ.

އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން އަލަށް ބަސްހުއްޓިތައް ބިނާކުރާ ސަރަޙައްދުތަކަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)، ވެސްޓްޕާކް، ހިރިޔާ ސްކޫލް، އަދި ތާޖުއްދީން ސްކޫލް ސަރަޙައްދެވެ.

‎ރައީސް އޮފީހުން ބުނީ ނައިބު ރައީސްގެ މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތުގައި ޝާމިލުވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް.) އާއި މާލެ ސިޓީ ކައުންސިލްގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައި، އެ ބޭފުޅުންނާއި މަޝްވަރާ ކުރައްވާފައި ކަމަށެވެ. މި މަޝްވަރާގައި ބަސްހުއްޓިތައް ބިނާކުރާ ސަރަޙައްދުތަކުގެ ޕާކިންއާއި އަދި އެ ސަރަޙައްދަކީ ހިތްފަސޭހަ ސަރަޙައްދަކަށް ހެދުމަށް ކުރަންޖެހޭ ކަންކަމާއި ބެހޭގޮތުން ނައިބު ރައީސް މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

‎މީގެ އިތުރުން މާލެ ސިޓީގައި ދެމުންގެންދާ ބަހުގެ ޚިދުމަތަކީ ގިނަ ބަޔަކަށް ބޭނުންހިފޭނެ ގޮތަށް ފަރުމާކުރެވިގެން ދެވޭ ޚިދުމަތެއްގެ ގޮތުގައި ކުރިއަށް ގެންދެވުމަށާއި އަދި ކުރިއަށް އޮތް ދުވަސްތަކުގައި މި ޚިދުމަތް ފުޅާވެގެންދާއިރު މާލޭގެ ކާރުބާރު ބޮޑު ސަރަޙައްދުތަކަށް ލުޔެއް ހޯދައިދޭނެފަދަ ޚިދުމަތަކަށް ހެއްދެވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

‎ނައިބު ރައީސްގެ މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި، އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީ، މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާޢު ޝަރީފް، ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުސާ ޢަލިމަނިކާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުން ކަމުގައިވާ އަޙްމަދު ނަސީމާއި އަޙްމަދު ސަމީރު ބައިވެރިވެ ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.