ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްއީ އަށް އައްޔަންކުރާ ފަނޑީޔާރަކު ހޮވުމަށް މިއަދު ކުރިޔަށްދިޔަ އިންތިހާބުގައި ހއ އަދި ހދގެ ޖުޑީޝަލް ދާއިރާއިން ޖުމްލަ 16 ފަނޑިޔާރުން ވޯޓުލައިފިއެވެ.
އިލެކްޝަން ކޮމިޝަން އިން ހާމަކުރާގޮތުގައި މިއަދު ރާއްޖޭގެ ކަންކޮޅުތަކުގައި ޖުމްލަ އެކާވިސް ޖުޑީޝަލް ދާއިރާއެއްގައި 178 ފަނޑިޔާރުން ވޯޓުލާނެއެވެ.
ހއ ޖުޑީޝަލް ދާއިރާއިން ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވަނީ 8 މީހުނެވެ. އެ އަށް ފަނޑިޔާރުންވެސް ވޯޓުލުމަށް ނިކުމެފައިވެއެވެ. އަދި ހދ ޖުޑީޝަލް ދާއިރާއިން ވެސް ވޯޓުލުމަށް ރަޖިސްޓަރީކުރި، 8 ފަނޑިޔާރުން ވޯޓުލުަމަށް ނިކުމެފައުވެއެވެ.
ހއ ޖުޑީޝަލް ދާއިރާގައި ވޯޓުލާން ފެށީ ހެނދުނު 9:54 ގައެވެ. އަދި މެންދުރު 12:03 ގައި ވޯޓު ފޮށި ބަންދުކޮށްފައިވެއެވެ. މީގެ އިތުރުން ހދ ޖުޑީޝަލް ދާއިރާގައި ހެނދުނު 9:05 ވޯޓުލާން ފަށާފައިވާއިރު އެ މަރުކަޒުގައި ވޯޓުފޮށި ބަންދުކުރީ 11:43 ގައެވެ.
މި އިންތިޚާބުގެ ވޯޓު ފޮށިތައް ރާްއްޖޭގެ ކޮންމެ ޖުޑީޝަލް ދާއިރާއެއްގެ އެއް ރަށެއްގައި ބަހައްޓާފައިވެ އެވެ. އެގޮތުން 21 ވޯޓު ފޮށި ބެހެއްޓި އެވެ.
ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި މިހާރު ހުންނެވި ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅުގެ ދައުރު ހަމަވާތީ ބާއްވާ އިންތިޚާބުގައި ތިން ބޭފުޅަކު ވާދަކުރައްވަ އެވެ. އެއީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމާއި ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފާއި ގދ. ފިޔޯރީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދެވެ.
ޖޭއެސްސީގައި ތިއްބަވާނީ މަޖިލީހުގެ ރައީސާއި، މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ބޭފުޅަކާއި، ބަންޑާރަ ނައިބާއި ދަށު ކޯޓުތަކުން ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި، އާންމުންގެ ތެރެއިން މެންބަރެއްގެ ގޮތުގައި މަޖިލީހުން ކަނޑައަޅުއްވާ ބޭފުޅަކާއި، ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ ވަކީލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!