ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ކޮމިއުނިކޭޝަންސްގެ މަޤާމުގައި ހުރި އަޙުމަދު ފަޒީލް (އޮއްޕޮ) އެ މަގާމުން ސަސްޕެންޓްކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ދެންމެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ޖިންސީ ގޯނާގެ ސީރިއަސް މައްސަލައަކާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމުގައި ހުރި އަހުމަދު ފަޒީލު ސްސްޕެންޓު ކުރެވިފައިވާކަމަށާއި އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ.

Ad
rt

ފަޒީލް، ފިޝަރީޒްގެ ކޮމިއުނިކޭޝަން ޑައިރެކްޓަރުގެ މަގާމަށް ވަޑައިގެންނެވީ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ސްލޮޓެއްގައެވެ. އޭނާއަކީ ރައީސް މައުމޫންގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ. އަދި އެމްއާރްއެމްގެ މީޑިއާ ކޮމެޓީގެ މެންބަރެކެވެ.

އަހްމަދު ފަޒީލުގެ މައްޗަށް ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުމާއެކު، އޭނާ ނިސްބަތްވާ އެމްއާރްއެމް އިން މައްސަލަ ބަލަން ފަށައި އެ މައްސަލަ ބަލައި ނިމެންދެން އެ ޕާޓީގެ މަސައްކަތްތަކުން އޭނާ އެކަހެރި ކޮށްފައިވާކަމަށް އެޕާޓީން އިއްޔެވަނީ ބުނެފައެވެ.

"ޖިންސީ ފުރައްސާރައާއި އަނިޔާ ފަދަ ކުށްތަކަކީ މި ޕާޓީއިން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަންކަމެއް ނޫނެވެ."

އެމްއާރްއެމުން ބުނެފައިވެއެވެ.

ސޯޝަލް މީޑިއާގައި ފަޒީލްއަށް ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއް ވަނީކޮށްފައެވެ. އެގޮތުން އޭނާ އުމުރުން 18 އަހަރު ނުފުރޭ އަންހެން ކުއްޖަކު ރޭޕްކޮށްފައިވާ ކަމަށާއި އަދި، އެކުއްޖާ ބަލިވެ އިންކަމަށް ވެސް ސޯޝަލް މީޑިޔާގައި ތުހުމަތު ކޮށްފައިވެއެވެ.

އޭގެ އިތުރުން 18 އަހަރު ނުފުރޭ ކުދިންނަށް ބަދުއަހުލާގީ ފޮޓޯ ފޮނުވުމާއި، ޖިންސީ ފުރައްސާރައާއި ގޯނާގެ އިތުރު ތުހުމަތުތަކެއް ވެސް އޭނާގެ މައްޗަށް ވަނީ ކުރެވިފައެވެ.