ހއ އަތޮޅުގަ މަސްފެކްޓްރީ އެއް އެޅުމާއި ތިލަދުންމަތީގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމާއި ގުޅޭގޮތުން ހއ. އަތޮޅަށް ނިސްބަތްވާ މަޖިލިސް މެންބަރުން، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޙުސައިން ޢަމްރު އާއި އެކު މަޝްވަރާ ކުރައްވައިފިއެވެ.

މިބައްދަލުވުމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ހއ. ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރ އަބްދުﷲ ވަހީދު ވިދާޅުވީ އެސްޓީއޯގެ ދަށުން ހިންގާ މިފްކޯ، މޯލްޑިވް ގޭސް އަދި އެ ނޫން ވެސް ކުންފުނިތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ތިލަދުންމަތީގައި ފުޅާކޮށް، ރައްޔިތުންނަށް ފަސޭހައިން އެ ޚިދުމަތްތައް ލިއްބައިދިނުމާ ގުޅޭ ގޮތުން ހއ އަތޮޅަށް ނިޞްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޙުސައިން ޢަމްރުއާއި އެކު މަޝްވަރާ ކުރެވިފައިވާކަމަށެވެ.

Ad
rt

މި ބައްދަލުވުމުގައި އެ ޚިދުމަތްތައް ތިލަދުންމަތީގައި ފުޅާކުރައްވަން މަސައްކަތްކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި، އަދި މި ބައްދަލުވުމަކީ ގިނަ ކަންތައްތަކަކާ މެދު މަޝްވަރާކުރެވި، އުންމީދީ ވާހަކަތަކެއް ޙިއްޞާކުރެވިގެންދިޔަ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމުގައި އަޅުގަނޑު ފާހަގަކުރަން

ހއ. ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރ އަބްދުﷲ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ހއ. އިހަވަންދޫ ދާއިރާގެ މެންބަރ މުޙައްމަދު ޝިފާޢު ވިދާޅުވީ މިބައްދަލުވުމުގައި މަސްވެރިން އުފައްދާ ބާވަތްތައް މިފްކޯއަށް ގަތުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުންކަމަށާއި އުތުރުގައި އެކަށީގެންވާ ފިޝް ސްޓޯރެއް ގާއިމުކުރުމާ މަސް ގަންނަ ބޯޓުތައް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ހއ. އަތޮޅުގައި ގޭސް ޕްލަންޓްއެއް އެޅުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރިންކަން ފާހަގަ ކުރެއްވިއެވެ.

ދެން ރާއްޖޭގައި އެޅިގެންދާ މަސްފެކްޓްރީ ހއ އަތޮޅުގައި އެޅިގެން ދިނުމަކީ އުތުރު ގެ މަސްވެރިނަށް ލިބިގެންދާ ބޮޑު ކުރިއެރުމެއް

އިހަވަންދޫ ދާއިރާގެ މެންބަރ މުޙައްމަދު ޝިފާޢު ވިދާޅުވެފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި ހއ. އަތޮޅު ތަމްސީލް ކުރައްވާ ހުރިހާ ދާއިރާތަކެއްގެ މެންބަރު ވަނީ ބައިވެރިވެފައެވެ.