މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ރައީސް ޑޮކްޓަރ އަލީ ނިޔާފް ގެ ކެރިއަރުގައި 1000 މޭޖަރ ސާޖަރީ ކާމިޔާބުކަމާއި އެކު ކޮށްފިއެވެ. މިއީ ރާއްޖޭގެ ޑަކްޓަރުންގެ ނިސްބަތުން ބޮޑު އަދަދެއް ކަމަށްވާ އިރު އޭނާގެ ކެރިއަރުގައި މިހާތަނަށް ކާމިޔާބު ކޮށްފައިވާ ސާޖަރީގެ ޖުމުލަ އަދަދަކީ 1700 އެވެ.

ޑރ. ނިޔާފް އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް ނިއުރޯ ސާޖަން ކަމަށްވާއިރު ބަލި މީހުން ބެއްލެވުމުގައި ގެންގުޅުއްވާ އޯގާތެރިކަމާއި، ކެތްތެރިކަމަކީ ގިނަ ދިވެހިންގެ ހިތްތަކުގައި ނިޔާފަށް ލޯތްބާއި އިޙްތިރާމް އުފެދެން މެދުވެރިވި ސަބަބެއް ކަމާއި މެދު ޝައްކެއް ނެތެވެ. ލިބުނު ކާމިޔާބީ އާއި ގުޅިގެން ގިނަ އަދަދެއްގެ ދިވެހިން ސޯޝަލް މީޑިއާގައި އޭނާ އަށް ފޮނުވަމުންދާ ތަހުނިޔާ އިން މިކަން ވަރަށް ރަނގަޅަށް ހާމަވެއެވެ.

Ad
rt

ޑރ. ނިޔާފުގެ މިކާމިޔާބީގައި އޭނާގެ އަނބިކަނބަލުން ވަނީ މަރުޙަބާ ކިޔުއްވައި، ޑރ. ނިޔާފުގެ މި އަގު ނުކުރެވޭ ޚިދުމަތާއި ގުޅިގެން ޑރ. ނިޔާފަށާއި، ޓީމަށް މަރުޙަބާ ކިޔުއްވައި، މިއީ ހާސިލް ކުރެވުނު ބޮޑު ކާމިޔާބީއެއްކަން ފާހަގަ ކުރަށްވާފައެވެ.

މަދު ވަގުތުކޮޅެއްގައި ނިދި ކުރަށްވައިގެން ސައުވީސް ގަޑިއިރު އޮންކޯލްގައި ހުންނަވައި، އެތައް ބަލި މީހުންނެއްގެ ސަލާމަތަށް ކުރަށްވަމުން ގެންދަވާ ޤައުމީ ޚިދުމަތް ފާހަގަ ކުރަށްވަމުން، މާތް ﷲގެ ވާގިފުޅާއިއެކު ވީހާވެސް ގިނަ ބަޔަކަށާއި، ޤައުމަށް ވީއެންމެ ދިގު މުއްދަތަކަށް އެ ޚިދުމަތް ލިބިގެން ދިޔުމަށާއި، އިތުރު ކާމިޔާބީއަށް އެދި ޑރ. ނިޔާފްގެ އަނބިކަނބަލުން ވަނީ ދުޢާ ކުރަށްވާފައިއެވެ.

ޑޮކްޓަރ ނިޔާފްގެ މި ކާމިޔާބީ އަކީ އޭޑީކޭ ހޮސްޕިޓަލަށް ލިބޭ ޝަރަފެއްގެ އިތުރުން މުޅި ރާއްޖޭގެ ސިއްހީ ދާއިރާވެސް ފަހުރުވެރިވާ ފަދަ ކާމިޔާބީއެކެވެ. 1000 މޭޖަރ ސާޖަރީ ފުރިހަމަ ކުރެވިގެންދާ އިރު ރާއްޖޭގައި މިވަގުތު ހުރީ ދުނިޔޭގެ ފެންވަރުގެ ނިއުރޯ ސާޖަރީ ހިދުމަތް ކަން ފާހަގަކޮށްލުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެކެވެ.