ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކޮއްތަށް މަހަކު ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދު ވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރިޔަށް ދިޔަ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ތިރީސްހަތް ވަނަ ޖަލްސާގައި، މަޖިލީހުގެ ކޮއްތަށް ޚަރަދުވާ މިންވަރު އޮޅުންފިލުވުމަށް އާންމު މީހަކު މަޖިލީހަށް ފޮނުވާފައިވާ ސިޓީއާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮއްތަށް، ކޮންމެ މެމްބަރަކަށް ދުވާލަކު 159.88 ރުފިޔާ ޚަރަދު ވާ ކަމަށެވެ. އެއީ މަޖިލީހުގެ87 މެމްބަރުންގެ ކޮއްތަށް ދުވާލަކު 139،909.56 ރުފިޔާއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ޢާންމު ގޮތެއްގައި ކުރިޔަށްދަނީ ހަފްތާ އަކު ތިން ދުވަހަކުއެވެ. އެހެން ކަމުން މަހަކު 12 ޖަލްސާ ބާއްވާނަމަ، މަޖިލިސް މެމްބަރުންގެ ކޮއްތަށް މަހެއްގެ މައްޗަށް 166،914.72 ރުފިޔާ މަދުވެގެނެް ޚަރަދު ވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސައިފޮދާއި ފަރިއްކޮޅުގެ ކަންކަން ކުރިއަށް ގެންދަނީ ބިޑް އުސޫލުން އިއުލާންކޮށްގެން އަމިއްލަ ފަރާތަކާއި ހަވާލުކޮށްގެންނެވެ. އެކަމަކު އެއީ ކޮން ފަރާތެއް ކަމެއް މަޖިލީހުން ހާމަކޮށްފައެއް ނުވެ އެވެ.

މަޖިލިސް މެންބަރުންނަށް ހިލޭ ކެއުމާއި ސައި ދޭތީ ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި އެކަމަށް ފާޑު ކިޔަމުން އެވެ. އަދި އެއީ ބޭކާރު ހަރަދެއް ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.