25 އޭޕްރިލް 2020 ވަނަ ދުވަހު ށ. ނަރުދޫ އަމާޒު ބޯޓުގެ ކެޕްޓަން ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނިޓަރިންގ ހާލަތަށް ގެނެސްފައި އޮތް އޮތުން 34 ދުވަސް ފަހުން ނިމުމަކަށް ގެނެސްފިއެވެ.

އެޗްޕީއޭއިން ނަރުދޫ މޮނިޓަރިންގ ހާލަތުންނެގީ 29 މެއި 2020 ވަނަ ދުވަހުގެ ރޭ 23:35 ގައެވެ. އެ ރަށް މޮނިޓަރިންގ ހާލަތުން ނެގިކަން އަންގައި އެޗްޕީއޭއިން ފޮނުވި ލިޔުމުގައި ބުނެފައިވަނީ، އެރަށުގެ މޮނިޓަރިންގ ހާލަތު އުވާލި ސަބަބަކީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމުގެ ގޮތުން އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ 12 މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމަށް ފަހު، މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތުން ކަމަށެވެ.

Ad
rt

އެޗްޕީއޭއިން ބުނެފައިވަނީ އެލިޔުމުގައި މޮނިޓަރިންގ ހާލަތު އުވާލިކަމަށް ބުނެފައިވާ ތާރީޚުން ފެށިގެން އެރަށުގެ މޮނިޓަރިންގ ހާލަތު ނިމުމަކަށް އައިސްފައިވާ ކަމަށާއި، އަދި އެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައްވެސް ނިމުމަކަށް އައީކަމަށެވެ.

އެޗްޕީއޭއިން ނަރުދޫ މޮނިޓަރިންގ ހާލަތުން ނެގިއިރު، އެރަށުން ވަނީ ޖުމްލަ 11 މީހުން ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އެ އެންމެންވެސް ތިބީ ކަރަންޓީނު ފެސިލިޓީތަކުގައެވެ. ނަރުދޫން ކޯވިޑަށް ބަޔަކު ޕޮޒިޓިވް ވުމާއިގުޅިގެން އެމީހުންނާއި ސީދާ ބައްދަލުވި މީހުންގެ ސާމްޕަލްތައްވެސް ނަގައިވަނީ ޓެސްޓްކޮށްފައެވެ. އެ ހުރިހާ ސާމްޕަލެއްވެސް ވަނީ ނެގެޓިވް ވެފައެވެ.

25 އޭޕްރިލް 2020 ވަނަ ދުވަހު ނަރުދޫ އަމާޒު ބޯޓުގެ ކެޕްޓަން ކޯވިޑަށް ޕޮޒިޓިވްވި ޚަބަރަކީ ގިނަ ރަށްތަކަށް ސިހުން ގެނުވި ޚަބަރެކެވެ. އެ ބޯޓުގައި ވަނީ އުތުރުގެ ގިނަ ރަށްތަކަކުން 98 މީހުން ދަތުރުކޮށްފައެވެ. އެ މީހުން ތެރެއިން ށ. މިލަންދޫ މީހެއް ފިޔަވައި އިތުރު މީހެއް ކޯވިޑަށް ޕޮޒިޓިވްވެފައެއް ނުވެއެވެ.

ކޯވީޑްގެ ބިރުވެރިކަމުގައި ނަރުދޫގެ ރައްޔިތުންވަނީ ކެތްތެރިކަމާއިއެކު، އެއްބައިވަންތަކަން ދައްކައިދީފައެވެ.