އުތުރުން ކޯވިޑް-19 އަށް މިހާތަނަށް 11 މީހަކު ޕޮޒިޓިވް ވެފައިވާ ށ. ނަރުދޫގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ނަރުދޫ ރައްޔިތުންނަށް ބޭނުންވާނޭ ގިނަ ޢަދަދެއްގެ ޒަރޫރީ ތަކެތި، އެ އަތޮޅު ކޮމަންޑޫ ރައްޔިތުންގެ ފަރާތުން މިއަދު ހަދިޔާ ކޮށްފިއެވެ.

މިއަދު މެންދުރު ފަހު 14:30 ހާއިރު ކޮމަންޑޫގެ ކަންނެލި ދެދޯނީގައި ނަރުދޫ ރައްޔިތުންނަށް ވަނީ މިހާލަތުގައި އެ ރައްޔިތުން ބޭނުން ވާނޭ ގިނަ ޢަދަދެއްގެ ތަކެތި ގެންގޮސް ހަދިޔާކޮށްފައެވެ.

Ad
rt

ނަރުދޫ ކައުންސިލްގެ ރައީސް އަޙްމަދު އާރިފް " ތިލަދުން " އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ކޮމަންޑޫ ރައްޔިތުންގެ ފަރާތުން 2.5 ޓަނުގެ ތާޒާ ކަނޑުމަހާއި، ފެނާއި، ނޫޑުލުސް، އަލަނާސި، މަސްދަޅު، ބިސް އަދި މިނޫންވެސް ގިނަ ޢަދަދެއްގެ ކާބޯތަކެތި އެރަށަށް ހަދިޔާކޮށްފައި ވާކަމަށެވެ.

ކޮމަންޑޫ ރައްޔިތުންގެ މި ހަދިޔާ ވަނީ ނަރުދޫގެ ކޮންމެ ގޭ ބިސީއަކަށް ފޯރުކޮށް ދީފައެވެ. ކޮމަންޑޫ ރައްޔިތުން ވަނީ ނަރުދޫގެ ކޮންމެ ގޭ ބިސީއަކަށް ހަދިޔާ ޕެކެއް ހަދައިގެން ގެންގޮސްދީފައެވެ. ނަރުދޫގައި މިވަގުތު މީހުން ދިރިއުޅެނީ 85 ގޭބިސީގައެވެ.

ނަރުދޫ ކައުންސިލްގެ ރައީސް އަޙުމަދު އާރިފް ވިދާޅުވީ ނަރުދޫގެ ރައްޔިތުންނަށް ދިމާވެފައިވާ މި މާޔޫސް ދަނޑިވަޅުގައި ކޮމަންޑޫ ރައްޔިތުންގެ ފަރާތުން މި ފަދަ އެހީތެރިކަމެއް ފޯރުކޮށް ދިނުމުން ނަރުދޫ ރައްޔިތުން ތިބީ ވަރަށް އުފަލުން ކަމަށެވެ. އަދި މިކަމުން އެ ކޮމަންޑޫ ރައްޔިތުންގެ ފަރާތުން ފެނުނު އަޚުވަންތަކަމާއި، އޯގާތެރި، އެކުވެރި ކަމަށްޓަކައި ނަރުދޫ ރައްޔިތުންގެ ފަރާތުން ކޮމަންޑޫ ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށްވެސް އާރިފް ވިދާޅުވިއެވެ.

ނަރުދޫ ރައްޔިތުން މިވަގުވެސް ތިބީ އެ ރަށުން ކޯވިޑް ކޭސްތަކެއް ފެނުމާއި ގުޅިގެން ފުރަބަންދުގެ ހާލަތުގައިއެވެ. މިހާލަތުގައި އެ އަތޮޅުގެ ކޮމަންޑޫން މިދައްކައި ދިނީ އެއްބައި ވަންތަ ކަމުގެ މިސާލެކެވެ.

މީގެ ކުރިން އެ އަތޮޅު ގޮއިދޫންނާއި، ފުނަދޫންވެސްވަނީ ނަރުދޫއަށް އެހީތެރިކަން ފޯރުކޮށްދީ އެއްބައިވަންތަކަމާއި، އެކުވެރިކަން ދައްކައިދީފައެވެ.

ނަރުދޫން މިހާތަނަށް ވަނީ ކޯވިޑަށް ޓެސްޓް ކުރުމަށް 52 މީހެއްގެ ސާމްޕަލް ނަގައިފައެވެ. އޭގެ ތެރެއިން ޕޮޒިޓިވް ވީ އެގާރަ މީހުން ފިޔަވައި ބާކީ ތިބި އެންމެންގެ ނަތީޖާ ލިބިފައިވާ އިރު އެ އެންމެން ވަނީ ނެގެޓިވް ވެފައެވެ.

ނަރުދޫ ރައްޔިތުންނަށް ވެލާ ރިސޯޓުން މީގެ ކުރިންވަނީ ސިއްހީ ބައެއް ތަކެތި ހަދިޔާ ކޮށްފައެވެ. ވެލާ ރިސޯޓުން ނަރުދޫއަށް ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 3000 އަންގިއާއި، 3000 މާސްކާއި، 110 ޕީޕީއީ އަދި 2500 ގުޅަ ޕެނެޑޯލެވެ.