ކޯވިޑް-19 ޝައްކުވާ މީހުންގެ ސާމްޕަލް ނެގުމަށް ޚާއްސަ ސާމްޕްލިންގ ކިއޮސްކް ނުވަތަ ސާމްޕްލިންގ 15 ބޫތު ދިރާގުގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތަށް ހަދިޔާކޮށްފިއެވެ.
މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީން ވިދާޅުވީ ދިރާގުން ހަދިޔާކުރި ސާމްޕްލިންގ ކިއޮސްކް ފަރުމާކޮށްފައިވަނީ ބަލި މީހާއާއި ސާމްޕަލް ނަގާ އޮފިޝަލާއި ދެމެދު ގައިދުރުކަން ކަށަވަރުވާގޮތަށް ކަމަށެވެ. މިތަކެތި ފަރުމާކޮށްފައިވަނީ ދިވެހި ކުންފުންޏެއްކަމަށްވާ ޕްރިންޓިންގ ލެބްގެ ފަރާތުންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މާލޭގެ އިތުރުން ރާއްޖޭގެ 5 ސަރަޙައްދެއްގައި ސާމްޕަލް ނެގުމަސް ޚާއްސަ މި ބޫތުތައް ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.
ގައިދުރުކަން ކަށަވަރުކުރުމުގެ އިތުރުން ސާމްޕަލް ނެގުމުގައި މި ކިއޮސްކް ބޭނުންކުރުމުގެ ސަބަބަން ޢާއްމުގޮތެއްގައި ސާމްޕަލް ނެގުމަށް ބޭނުންކުރާ ރައްކާތެރިކަމުގެ ވަޞީލަތްތައްކަމުގައިވާ ޕީޕީއީތައް ބޭނުންކުރާ މިންވަރު މަދުވާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. މީގެ ސަބަބުން މިވަގުތު މުޅި ދުނިޔޭގައިވެސް އެންމެ ޑިމާންޑް ބޮޑުވެ ލިބުން ދަތިވެފައިވާ ރައްކާތެރިކަމުގެ ވަޞީލަތްތައް ބޭނުންކުރާ މިންވަރު މަދުވެ އޭގެ އެންމެ ބޮޑަށް ބޭނުންޖެހޭ ޙާލަތްތަކުގައި އެ ބޭނުންކުރުމަށް ރައްކާކުރެވޭނެކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.
We’ve donated COVID-19 Sampling Kiosks to @MoHmv. Our hope is that this will increase safe testing for COVID-19 within the community and contribute to the protection of frontline health care professionals who are putting their lives on the line to save ours. pic.twitter.com/Pr82yZ76O6
— Dhiraagu (@Dhiraagu) May 3, 2020
ރާއްޖޭގައި ކޯވިޑް-19 ފެތުރި އިތުރުވަމުންދާ މިދަނޑިވަޅުގައި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމާބެހޭ ފަރާތްތަކުން ގެންދަވަނީ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އަދި މިވަގުތު ބައިނަލްއަޤުވާމީ އެހީދޭ ޖަމާޢަތްތަކާއި ރާއްޖޭގެ ކުންފުނިތަކާއި ވިޔަފާރިތަކާއިވެސް ގުޅިގެން މި ބަލިމަޑުކަމުން ރާއްޖެ ސަލާމަތްކުރުމަށް އެތައް މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން މިވަގުތު ކުރީސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ އެކި ސާމާނާއި ޓެސްޓުކުރުމަށް ބޭނުންވާ ވަޞީލަތްތައް އިތުރުކުރުމަށްވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!