ދަނޑުވެރިކަމަށް ބިން ދޫކުރެވެން ހުރި ރަށްރަށުން، ކުއްޔަކާ ނުލައި ތިން އަހަރަށް ދަނޑުވެރިކަމަށް ބިން ދޫކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ސަރުކާރުގެ ފަރާތުން އެކަން ހާމަކުރެއްވީ ދަރުބާރުގޭގައި ހުންނަ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޒަހާ ވަހީދެވެ.
މިނިސްޓަރު ޒަހާ މިރޭ ވިދާޅުވީ ބިން އޮތް ރަށްރަށުގެ ކައުންސިލްތަކުން ދަނޑު ބިން ދޫކުރުމުގެ މަސައްކަތް ކުރެވޭނެ ގޮތް ހަމަޖެއްސުމަށްޓަކައި، ޕްލޭނިން މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ބިން ދޫކުރަނީ ހިލޭ ތިން އަހަރަށް ކަމަށް ވެސް ޒަހާ ވިދާޅުވި އެވެ. އަދި އެ ބިންތައް ދޫކުރާނީ އެގްރިކަލްޗަރު މިނިސްޓްރީން ހަމަޖައްސާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބިންތައް ދޫކުރުމަށްފަހު ބިންތައް ބޭނުންކުރަނީ އުސޫލާއި އެއްގޮތަށްތޯ ބައްލަވާނެ ކަމަށާއި އެ ބިންތަކުގައި ދަނޑު ހައްދާކަން ޔަގީން ކުރާނެ ކަމަށެވެ.
މިގޮތުން ބިން ދޫކުރާނީ ޕްލޭނިންގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ކައުންސިލްތަކާއި ބިން ހަވާލު ކުރާ ފަރާތްތަކާ ދެމެދު އެއްބަސްވުމެއް ވެގެން ކަމަށް ވެސް ޒަހާ ވިދާޅުވި އެވެ.
ދަނޑުވެރިން އުފައްދާ ތަކެތި އެސްޓީއޯއަށް ގަންނާނެ ކަމަށް ޢިއުލާން ކުރައްވައި، ރާއްޖޭގެ ދަނޑުވެރިން އެސްޓީއޯގައި ރަޖިސްޓްރީ ވުމަށް އޭޕްރިލް 2 ވަނަ ދުވަހު އެކުންފުނިން ވަނީ ހުޅުވާލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!