ހއ. ފިއްލަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދަން ޢިއުލާން ކޮށްފިއެވެ.

ފިއްލަދޫ ކައުންސިލުން މިއަދު ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ ފިއްލަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 މާރިޗު 17 ވާ އަންގާރަ ދުވަހުން ފެށިގެން 2020 މާރިޗު 25 ވާ ބުދަދުވަހުގެ ނިޔަލަށް ފިއްލަދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދޭކަމަށެވެ.

Ad
rt

މިގޮތުން ރެޖިސްޓަރ ކުރުމަށް ހަމަޖެހިފައިވަނީ އެކަމަށް ކަނޑައެޅި ފައިވާ އިސްވެ ދެންނެވުނު ތާރީޚްގެ ތެރޭގައި، ރަސްމީ ކޮންމެދުވަހު ހެނދުނު 9:00 ން 13:00 އަށް ކަމަށާއި، އެމުއްދަތުތެރޭ މިޕްރޮޖެކްޓުގެ ޓެންޑަރ ޑޮކިއުމެންޓްގެ ސޮފްޓްކޮޕީ (ސީޑީގައި) ދޫކުރެވޭނެވެ ކަމަށްވެސް އެޢިއުލާންގައިވެއެވެ. އަދި ޕްރީބިޑް ސެޝަން އޮންނާނީ 2020 މާރިޗު 29 ވާ އާދިއްތަ ދުވަހުގެ 13:00 ގައި އެ ކައުންސިލްގެ އިދާރާގައި ކަމަށާއި، އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 2020 އެޕްރީލް 02 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ހަމަ އެކައުންސިލްގެ މިއިދާރާގައި ކަމަށް އެ ޢިއުލާންގައި ވެއެވެ.

މިމަސައްކަތް ކުރުމަށް ކުރިމަތި ލެވޭނީ ޤާނޫން ނަމްބަރު: 18/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ނަންބަރު 19/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

ފިއްލަދޫ ސިއްޚީ މަރުކަޒުގެ އެކްސްޓެންޝަން ޕޮރޮޖެކްޓު އެ ކައުންސިލާއި ހަވާލުކޮށްފައިވަނީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ގާނޫނަށް ގެނައި އިސްލާހާއެކު، ހެލްތު މިނިސްޓްރީގެ 20 ޕްރޮޖެކްޓެއް 20 ރަށެއްގެ ކައުންސިލްއާ ހަވާލުކުރުމަށް މާޗް 1 ވަނަ ދުވަހު މާލޭގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުތެރޭގައިއެވެ.

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ފަސް މިލިއަން ރުފިޔާއިން ދަށުގެ މަޝްރޫއުތައް ކައުންސިލްތައް އަމިއްލަ އަށް ހިންގަން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ހެލްތު މިނިސްޓްރީގެ 20 މަޝްރޫއެއް ވެސް ކުރިއަށްގެންދަން ކައުންސިލްތަކާ ހަވާލުކުރީ އޭގެ ދަށުންނެވެ.