ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫގައި އަލަށް ޢިމާރާތްކުރި ބަނދަރުހިޔާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ރަސްމީކޮށް ރޭ ހުޅުއްވައިދެއްވައިފިއެވެ.

އެރަށު ބަނދަރު ސަރަޙައްދުގައި ބޭއްވި މި ރަސްމިއްޔާތަށްފަހު، ރަށުގެ ޒުވާނުން ދިން ދަޢުވަތަކަށް ރިނބުދޫގެ ދެ ޓީމެއް ކުޅުނު ފުޓްސަލް މެޗެއްގައިވެސް ނައިބު ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ރިނބުދޫއަކީ ރަށުވަންތަކަމުގެ ރީތި އިޙްސާސާއި ސާފުތާހިރުކަމުގެ އިތުރުން ރައްޔިތުންގެ އެއްބައިވަންތަކަމަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ރަށެއް ކަމަށެވެ. އަދި އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށާއި، ރަށުގެ ރަށުވަންތަކަން ދެމެހެއްޓުމަށް ކައުންސިލުން އިސްނަގައިގެން ރައްޔިތުންނާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައި، އެ ރޫޙުގައި ރަށުގެ މުސްތަޤުބަލު އުޖާލާކުރުމަށް މަސައްކަތް ކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ކޮންމެ އިންސާނަކީވެސް ވިސްނުމުގެ ތަފާތުތަކަކާއި ޚިޔާލު ތަފާތުވުންތަކެއް ހުންނާނެ މީހެއްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މިފަދަ ހިޔާތަކުގައި މަޑުކޮށްލައިގެން ތިބެ ދެކެވޭ ވާހަކަތަކުގެ ސަބަބުން ހިތްހަމަނުޖެހުންތަކާއި ނުތަނަވަސްކަން ފިލައިދާ ކަމަށެވެ. އަދި އޭގެ ސަބަބުން އެކުވެރިކަމާއި ޢާއިލީ ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ފަހިވެގެންދާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން، މިފަދަ އިޖުތިމާޢީ ކަންކަމަށް އިސްނަގައިގެން މަސައްކަތްކުރާ ކޮންމެ ކައުންސިލަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ނައިބު ރައީސް ދެއްވިއެވެ.

މުޅި ދުނިޔެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ޙައްލު ހޯއްދަވައިދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ސާބިތުކަމާއެކު ހުންނެވިތަން ފެންނަމުންދާކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ތަސައްވުރެއް އެބައޮތް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންގެ އަސާސީ ޙައްޤަކަށް އުނިކަން ނާންނާނެހެން މަސައްކަތްޕުޅު ކުރައްވާ ބޭފުޅެއްކަން ހާމަވާ ކަމަށާއި، މި ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫޢުތައް ކުރިއަށްގެންގޮސްގެން މެނުވީ ޤައުމު މިހާރު އޮތް ހަރުފަތުން އެހެން ހަރުފަތަކަށް ވާޞިލުނުވެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެ މުޅި ދުނިޔެއަށް ހުޅުވިފައިވާކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވަނީ، ރަސްމާލެ މަޝްރޫޢަކީ ރައްޔިތުންގެ މުސްތަޤުބަލު އުޖާލާކުރުމަށްޓަކައި ހިންގޭ މަޝްރޫޢެއް ކަމަށްވާތީ އެކަމަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ސަބަބަކީ އެ މަޝްރޫޢުގެ ސަބަބުން ރައްޔިތުންނަށް އޭގެ ލާބައާއި މަންފާ ލިބިގެންދާނެތީ ކަމުގައި އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ރިނބުދޫގެ ތަރައްޤީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އެ ރަށު ކައުންސިލުގެ އައު ޢިމާރާތުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ޞިއްޙީ މަރުކަޒަށް ބޭނުންވާ އިތުރު ޢިމާރާތްވެސް އެޅިގެންދާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ރިނބުދޫ ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ފިލައެއް އަރުވާފައެވެ. އަދި ބަނދަރުހިޔާ ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު، އެމަނިކުފާނު ވަނީ އެ ޢިމާރާތް ބައްލަވާލައްވާފައެވެ.