1988 ނޮވެންބަރު 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާގައި ޝަހީދުވި، ހއ. ދިއްދޫ، ޗާންދަނީއާގެ ޝަހީދު އަލްމަރްޙޫމް ޢުމަރު އަޙްމަދުގެ އުފަން ރަށުގައި ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒެއް އިއްޔެ ފަށައިފިއެވެ.
ޝަހީދު ޢުމަރު އަޙްމަދުގެ ނަމަށް ނިސްބަތްކޮށްފައިވާ، ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މައުރަޒު ރަސްމީކޮށް ހުޅުއްވައިދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރު، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފެވެ.
އާންމުކޮށް ހުޅުވާލައިގެން ދިއްދޫ އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދާ މި މައުރަޒު ޚާއްޞަކޮށްފައިވަނީ ތިނެއް ނޮވެންބަރުގެ ޢުދުވާނީ ހަމަލާގައި ޝަހީދުވެދިޔަ ބަޠަލުންގެ ޒިކުރާއަށާއި ދިވެހިންނަށް ލިބުނު މަތިވެރި ނަޞްރާއި ކާމިޔާބީގެ މައްޗަށެވެ. އެގޮތުން، އެ ދުވަހު ޢުދުވާނީ ހަމަލާތައް ފެށުނު ވަގުތުން ފެށިގެން ނަޞްރު ލިބުމާ ހަމައަށް ހިނގައިދިޔަ ކަންކަން ވަގުތު ފީތާއެއްގެ ގޮތުގައި ފެންނާނެހެން ފޮޓޯއާއި، ކުރެހުންތަކާއި، އަޑާއި މަންޒަރުގެ އިތުރުން ތާރީޚީ ލިޔުންތައް މި މައުރަޒުގައި ވަނީ ހިމަނާފައެވެ. އަދި ދިވެހި ޤައުމަށްޓަކައި ސިފައިންނާއި އާންމު ރައްޔިތުން ވި މަތިވެރި ޤުރުބާނީއާއި ދެއްކި ގަދަހިތްވަރު މި މައުރަޒުން ތަޞައްވުރުކޮށްދެއެވެ.
މިގޮތުން މި މައުޒަރުގައި ވަނީ 1988 ވަނަ އަހަރުގެ އުދުވާނީ ހަމަލާއިން ދިވެހި ރާއްޖެ ދިފާއު ކުރުމަށް ދުސްމިނުންނާއި ދެކޮޅަށް ފުރަތަމަ ރައްދު ހަމަލާ ދެއްވުމަށް ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ ޝަހީދު ކޯޕުރަލް ހުސައިން އާދަމް ބޭނުންކުރެއްވި ހަތިޔާރު ވެސް ދައްކައިލަން ބަހައްޓާފައެވެ.މި މައުރަޒު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުގެ ނިޔަލަށެވެ. މައުރަޒު ބަލައިލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައި ވަނީ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.
ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން، އެމްއެންޑީއެފުން އަހަރަކު ދެ ފަހަރު ޝާއިޢުކުރަމުން އަންނަ "އައްޑަނަ މަޖައްލާ"ގެ 40 ވަނަ ޢަދަދު ވެސް ވަނީ ނެރެދެއްވާފައެވެ. މި މަޖައްލާ ނެރެދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފެވެ. މީގެއިތުރުން، ދިއްދޫގައި މި މައުރަޒު ބޭއްވުމަށް އެ ރަށު ކައުންސިލުން ވެދެއްވި އެހީތެރިކަމުގެ އަގުވަޒަންކޮށް އެމްއެންޑީއެފުން ވަނީ ކައުންސިލަށް ހަނދާނީ ފިލައެއް އަރުވާފައެވެ. މި ފިލާ ދިއްދޫ ކައުންސިލްގެ ރައީސް އުޘްމާން ރަޝީދާ ހަވާލުކޮށްދެއްވީ އެމްއެންޑީއެފްގެ އެޖުޓަންޓް ޖެނެރަލްސް ކޯރގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް މުޙައްމަދު ނާޒިމެވެ.
މި މައުރަޒު ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ގިނަ ޢަދަދެއްގެ ސިފައިންނާއި، ދިއްދޫގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި، ރަށުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ އިތުރުން ސްކޫލް ދަރިވަރުން ބައިވެރިވެފައިވެއެވެ. މައުރަޒުގެ އިތުރުން، ނޮވެންބަރު 14 ވަނަ ދުވަހަށް ވެސް ޚާއްޞަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ. އެގޮތުން އެ ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް ދިއްދޫ ބަނދަރު ސަރަހައްދުގައި އޮންނަ އެމްއެންޑީއެފް ކޯސްޓްގާޑް "ނޫރައްދީން" އަށް ޒިޔާރަތްކުރުމުގެ ފުރުސަތު އާންމުންނަށް ލިބޭނެއެވެ. އަދި ހަމަ އެ ދުވަހުގެ ހަވީރު 16:00 ގައި ދިއްދޫ އިސްލާމީ މަރުކަޒު ކައިރީގައި އެމްއެންޑީއެފް މިލިޓަރީ ޑިސްޕްލޭއަކާއި ޢާއިލީ ހަވީރެއް ކުރިއަށްދާނެއެވެ.
މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ޤައުމަށްޓަކައި ޝަހީދުވި ބަޠަލުންނަށް ދިވެހިންގެ ހިތްތަކުގައި އޮންނަ ޤައުމީ ފަޚުރާއި މުޖުތަމަޢުގެ އެއްބައިވަންތަކަމުގެ ރޫޙު އާލާކުރުމާއި، މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމުގައި އެބޭފުޅުން ވެވަޑައިގެންނެވި ޤުރުބާނީގެ ހަނދާން އައުކުރުމެވެ. މި ސިލްސިލާގެ ތެރެއިން، ނަޞްރުގެ ދުވަހުގެ މައުރަޒު ނޮވެންބަރު 20 އަދި 21 ވަނަ ދުވަހު ހއ. ބާރަށުގައި ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ބާރަށަކީ 1988 ނޮވެންބަރު 3 ގެ ހަމަލާގައި ޤައުމަށްޓަކައި ފުރާނަ ދޫކޮށްލި ޝަހީދު އަލްމަރްޙޫމް އިބްރާހީމް ޙުސައިން ނިސްބަތްވާ ރަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!