ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްގެ ކުށްތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލި "އިންޓަރނޭޝަނަލް އިންވެސްޓިގޭޓިވް ކޯޕަރޭޝަން އެލަޔަންސް" (އައިއައިސީއޭ) ގެ ރިޒޮލިއުޝަންގައި ދިވެހި ފުލުހުންގެ ޚިދުމަތުން ސޮއިކޮށްފިއެވެ.
މި ރިޒޮލިއުޝަންގައި ދިވެހި ފުލުހުން ސޮއިކޮށްފައިވަނީ ދެކުނު ކޮރެއާގެ އިންޗިއޮންގައި ބޭއްވި އެ އިއްތިހާދުގެ ފުރަތަމަ އަހަރީ ފޯރަމްގައެވެ.
ކޮރެއަން ނޭޝަނަލް ޕޮލިސް އެޖެންސީން އިންތިޒާމުކޮށްގެން 2026 އޮކްޓޫބަރު 21 އިން 23 އަށް ކުރިއަށްގެންދިޔަ މި ފޯރަމްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެން، މި ރިޒޮލިއުޝަންގައި ސޮއިކުރެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢާޞިމް ޢަބްދުﷲ އެވެ.
މި ފޯރަމަކީ ބައިނަލްއަގުވާމީ ބައިވެރިންގެ ތަޖުރިބާ އެއްބަޔަކު އަނެއް ބަޔަކާ ހިއްސާކުރުމަށާއި، އެކި ގައުމުތަކުގެ ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތައް ހުއްޓުވުމަށް ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ މުހިންމު މަގުސަދުގައި ބޭއްވި ބައްދަލުވުމެކެވެ.
ފުލުހުންގެ ޚިދުމަތުން މި ރިޒޮލިއުޝަންގައި ސޮއިކުރުމަކީ، ބޯޑަރު ހުރަސްކޮށް ރާވައިގެން ހިންގާ ޖިނާއީ ބޮޑެތި ކުށްތަކާއި ސްކޭމް ނެޓްވޯކްތަކާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތުގައި ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކޮށް، ގުޅިގެން ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ނިންމުމެކެވެ.
އައިއައިސީއޭ އަކީ އިންޓަރޕޯލާއި، އާސިއާނަޕޯލް އަދި 9 ގައުމަކުން އިސްނަގައިގެން 2025 ވަނަ އަހަރުގެ އޮކްޓޫބަރު 23 ގައި ދެކުނު ކޮރެއާގެ ސޯލްގައި ގާއިމުކުރި ހާއްސަ އިއްތިހާދެކެވެ. މި އިއްތިހާދު އުފެއްދުމުގެ މައިގަނޑު ބޭނުމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ރާވައިގެން ހިންގާ ސްކޭމް ކޮމްޕައުންޑްތަކުން ވަކިވަކި ފަރުދުންނަށާއި އެކި މުޖުތަމައުތަކުގެ އިގުތިސާދަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމެވެ.
މެންބަރު ގައުމުތަކުން ފާސްކުރި މި ރިޒޮލިއުޝަނަކީ އައިއައިސީއޭގެ ދާއިމީ ގަވާއިދުތަކާއި އޮނިގަނޑު އެކުލަވާލެވެންދެން، މެންބަރު ގައުމުތަކުގެ މެދުގައި ދެމެހެއްޓެނިވި، އިންސާފުވެރި އަދި ނަތީޖާ ނެރެވޭނެ ގޮތެއްގައި ތަހުގީގުތަކުގެ މައުލޫމާތު ބަދަލުކުރުމާއި، ގުޅިގެން މަސައްކަތްކުރުމުގެ އުސޫލުތައް ކަނޑައަޅައި ބަޔާންކުރާ ލިޔުމެކެވެ. މީގެއިތުރުން، އިންޓަރޕޯލްގެ ޖެނެރަލް އެސެމްބްލީއާއި އާސިއާނަޕޯލް ކޮންފަރެންސްގައި ފާސްކޮށްފައިވާ ނިންމުންތަކާއެކު، ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާ ދެކޮޅަށް މި އެލަޔަންސް މެދުވެރިކޮށް ހިންގާ އޮޕަރޭޝަންތަކަށް ވަނީ ގާނޫނީ ހައިސިއްޔަތު ވެސް ލިބިގެން ގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!