ވަޓްސްއެޕް މެދުވެރިކޮށް މުއާމަލާތުކޮށް، މަކަރާއި ހީލަތުން 32،000 ރުފިޔާ އަތުލި މައްސަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މި މައްސަލައަކީ ވަޓްސްއެޕް މެދުވެރިކޮށް ވާހަކަދައްކައިގެން އޮންލައިންކޮށް ފައިސާ އަތުލާފައިވާ ކަމަށް ބުނެ 2026 އޮކްޓޫބަރު 13 ވަނަ ދުވަހު ހުށަހަޅާފައިވާ މައްސަލައެކެވެ.

Ad
rt

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ތިން ފިރިހެނުންނެވެ. އެއީ ހ. ވެލަސްފަރުގެ / މާލެ، ޙުސައިން ސާމިރު (40އ) އާއި، ދަފްތަރު. ނަންބަރު ރސ 6007 / މާލެ، މުޙައްމަދު ރީޙާން (33އ) ގެ އިތުރުން ޖޯޖެޑްވިލާ / މާލެ، އަޙްމަދު ސުޖާއު (46އ) އެވެ.

ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެމީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ކޯޓުން ވަނީ މުއްދަތު ދީފައެވެ. އެގޮތުން ޙުސައިން ސާމިރު އަދި އަޙްމަދު ސުޖާއުގެ ބަންދަށް ކޯޓުން 15 ދުވަސް ދީފައިވާއިރު، މުޙައްމަދު ރީޙާންގެ ބަންދަށް ކަނޑައަޅާފައިވަނީ ހަތް ދުވަހެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އޮންލައިން މެދުވެރިކޮށް ފޮނުވާ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، އެއްވެސް ފަރާތަކަށް އޯޓީޕީ (އޯޓީޕީ) ކޯޑު ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުން އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ އެކި މުއާމަލާތްތައް ހިންގުމުގައި، މުއާމަލާތުކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތާއި ބޭންކިންގ ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށްވެސް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.

މަކަރާއި ހީލަތުގެ އެއްވެސް އަމަލެއް ފާހަގަކުރެވިއްޖެނަމަ، އެއްވެސް ވަރަކަށް ލަސްނުކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުމަށް ނުވަތަ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށް ފުލުހުންގެ ޚިދުމަތުން ވަނީ އެދިފައެވެ.