ރަސްމާލެ މަޝްރޫޢު އެއްކޮށް ނިމުމުން އެތަނަށް އަހަރަކު 1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށް، އަހަރަކު ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުމުގެ އިތުރުން އަމިއްލަ ދާއިރާއިން 15،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރަސްމާލޭގައި އީގަލް ހިލްސް މެދުވެރިކޮށް ހިންގާ މަޝްރޫއަކީ ދިވެހި ދައުލަތަށް އެންމެ ހިރާސް ކުޑަ އަދި އެންމެ ފައިދާ ބޮޑު ގޮތުގައި ހިންގޭނެ މަޝްރޫއެއް ކަމަށެވެ. މިއީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރު ހާސިލްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ބައެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ގާތްގަނޑަކަށް 4 ލައްކަ މީހުންގެ އާބާދީއެއް އޮތް ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ ގުދުރަތީ ގޮތުން ލިބިފައިވާ ރީތިކަމާއި އަމާންކަމުގެ ބޭނުން ހިފުން ކަމަށެވެ. އެގޮތުން ރިއަލްއެސްޓޭޓް ޓޫރިޒަމަކީ މިހާރުވެސް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ ވަސީލަތެއް ކަމަށާއި، މި ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ޑރ. މުއްޠަލިބު ފާހަގަކުރެއްވި ގޮތުގައި، ގާނޫނާ އެއްގޮތަށް ދައުލަތަށް އާމްދަނީ ލިބޭނެ ފަދަ ޕްރޮޕަޓީތައް 99 އަހަރަށް ލީޒް އުސޫލުން ދޫކުރާއިރު، އިކުއިޓީއާއެކު ނުވަތަ އިކުއިޓީއާ ނުލައި ޖޮއިންޓް ވެންޗާއެއް ހަދައިފިނަމަ ދައުލަތަށް އޮންނަ ހިރާސް ބޮޑުވެގެންދެއެވެ. އެހެންކަމުން މި މަޝްރޫއުގައި ޕްރޮޕަޓީތަކުގެ ބާރު ދައުލަތަށް އޮވެ، ކޮންމެ މުއާމަލާތަކުން ސަރުކާރަށް އާމްދަނީ ލިބޭނެ ގޮތަށް ކަންކަން ރޭވުމަކީ ދައުލަތަށް އެންމެ ފައިދާހުރި ގޮތް ކަމުގައި ވިދާޅުވިއެވެ.
މި މޮޑެލްގެ ދަށުން ރަސްމާލޭގައި ތަރައްގީކުރާ 8،800 އަށްވުރެ ގިނަ ޕްރޮޕަޓީތަކުން 3.1 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށާއި، ކޮންމެ ޕްރޮޕަޓީއެއްގެ ފުރަތަމަ މުއާމަލާތުން އެކަނިވެސް ދައުލަތަށް 10 އިންސައްތައިގެ މަގުން 1.2 ބިލިޔަން ޑޮލަރު ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، އެ ތަންތަނުގެ ވެރިފަރާތް ބަދަލުކުރާ ކޮންމެ ފަހަރަކު ސަރުކާރު މެދުވެރިކޮށް މުއާމަލާތް ކުރަންޖެހޭތީ އިތުރު އާމްދަނީ ދައުލަތަށް ވަންނާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ. އަދި ފަތުރުވެރިކަމުގެ ގާނޫނުގެ ދަށުން 99 އަހަރަށް 500 ހެކްޓަރުގެ ބިމެއް ނުވަތަ ފަޅެއް ދޫކޮށްގެން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބޭ 75 މިލިއަން ޑޮލަރާއި، 316 މިލިއަން ޑޮލަރުގެ އާމްދަނީއަކާއެކު އަހަރަކު ލިބޭ ދެ މިލިއަން ޑޮލަރުގެ ކުއްޔާ އަޅާބަލާއިރު ރަސްމާލޭގެ މޮޑެލްގެ ފައިދާ މާ ބޮޑުކަން ވަޒީރު ހާމަކުރެއްވިއެވެ.
ރަސްމާލެ މަޝްރޫއާއެކު މިހާރު ރާއްޖޭގައި ހުރި ޕްރޮޕަޓީތަކާ އަޅާބަލާއިރު ހެކްޓަރަކުން ޓީޖީއެސްޓީގެ ގޮތުގައި ލިބޭ އާމްދަނީ 8 ގުނަ އިތުރުވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި އަމިއްލަ ދާއިރާއިން އުފެދޭ 15،000 ވަޒީފާގެ ސަބަބުން، ވަޒީފާ ހޯދުމަށް ސަރުކާރަށް ބަރޯސާވާ މިންވަރު ކުޑަވެ، ދައުލަތުގެ ޚަރަދުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުޑަކުރެވިގެންދާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރިއަލްއެސްޓޭޓް ދާއިރާ ތަރައްގީކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އެއްވެސް ހީނަރުކަމެއް އަންނާނެ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އެތައް ގުނައަކަށް އިތުރުވެ، ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާވެ ކުރިއަރައިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!