ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން ކުރިއަށްގެންދާ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގގެ ހަތަރުވަނަ ބެޗުގެ ތަމްރީނުތައް 352 ޒުވާނުންނާއެކު މިއަދު ރަސްމީކޮށް އިފުތިތާޙުކޮށްފިއެވެ.
މިކަން ހާމަކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީސްމީޑިއާގައި ޕޯސްޓެއް ޙިއްޞާކުރައްވާފައެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 125 ރަށަކަށް ނިޞްބަތްވާ ޒުވާނުން މި ތަމްރީނުގައި ބައިވެރިވާ ކަމަށެވެ. އެގޮތުން މި ބެޗުގައި 288 ފިރިހެން ޒުވާނުންނާއި 64 އަންހެން ޒުވާނުން ހިމެނެއެވެ. އެމަނިކުފާނު ވަނީ މި ތަމްރީނުގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި ޕްރޮގްރާމް ފުރިހަމަކުރުމަށް ހިތްވަރާއި ޢަޒުމާއެކު މަސައްކަތް ކުރުމަށްވެސް ބައިވެރިންނަށް ނަޞޭޙަތްތެރިވެ ހިތްވަރު ދެއްވިއެވެ.
ޒުވާނުންގެ ކުރިމަގު ބައްޓަންކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން މިއަދު ކުރާ މަސައްކަތަކީ، މާތް ﷲ ގެ ވާގިފުޅާއެކު މި ޤައުމުގެ ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ ބިންގަލަކަށް ވެގެންދާނެ ކަމެއް ކަމަށެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ގެ
4 ވަނަ ބެޗުގެ ތަމްރީނުތައް 352 ޒުވާނުންނާއެކު މިއަދު ރަސްމީކޮށް އިފުތިތާޙު ކުރެވިއްޖެ.ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 125 ރަށަކަށް ނިޞްބަތްވާ 288 ފިރިހެން އަދި 64 އަންހެން ޒުވާނުން މި ތަމްރީނުގައި ބައިވެރިވޭ. ހުރިހާ ބައިވެރިންނަށް ވެސް ކާމިޔާބީއަށް އެދެން. އަދި ޕްރޮގްރާމް ފުރިހަމަކުރުމަށް ހިތްވަރާ ޢަޒުމާއެކު މަސައްކަތް ކުރުމަށް ނަޞޭޙަތްތެރިވެ ހިތްވަރު ދެން.
ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން މިއަދު މިކުރާ މަސައްކަތް މާތް ﷲ ގެ ވާގިފުޅާއެކު ވެގެންދާނީ މި ޤައުމުގެ ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ ބިންގަލަކަށް.
— Dr Mohamed Muizzu (@MMuizzu) October 24, 2026
ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ އަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު އިފުތިތާޙީ ތަޤްރީރުގައި ވިދާޅުވި، އިންސާނުން ބިނާކުރުމާއި ޤައުމުގެ ސިކުނޑިތައް ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މިއީ ޒުވާނުން ބާރުވެރިކޮށް، މަސައްކަތުގެ އަޚުލާޤާއި ސުލޫކު އަށަގެންނެވުމަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.
މި ތަމްރީނުގެ ތެރޭގައި ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަޢުލީމާއި، ލީޑަރޝިޕްގެ އިތުރުން ބަހުގެ ހުނަރުތައް އުނގަންނައިދެވޭނެއެވެ. މީގެ އިތުރުން ހަށިހެޔޮކަން އިތުރުކުރުމަށް ކަސްރަތު ތަމްރީނުތަކާއި، އަޚްލާޤު ހަރުދަނާކުރުމަށް ހެވިކަމުގެ ތަމްރީނުތައްވެސް ކުރިއަށް ގެންދެވޭނެއެވެ. އަދި ފަސްޓް އެއިޑް، ފަޔަރ ފައިޓިންގ، ސެލްފް ޑިފެންސްގެ އިތުރުން އަސްކަރީ ތަމްރީނުގެ ބައެއް ޙަރަކާތްތައްވެސް މި ޕްރޮގްރާމްގައި ހިމެނެއެވެ.
މި ތަމްރީނު ކާމިޔާބުކަމާއެކު ފުރިހަމަކުރާ ދަރިވަރުންނަށް މުހިންމު ސަނަދުތަކެއް ޙާޞިލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ސެޓްފިކެޓް 3 އިން ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް ސެޓިފިކެޓާއި، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ ސެޓިފިކެޓްގެ އިތުރުން ބޭސިކް ފަސްޓް އެއިޑް ސެޓިފިކެޓް ހިމެނެއެވެ. އަދި ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ ޕްރޮގްރާމު ފުރިހަމަކުރިކަމުގެ ސެޓިފިކެޓްވެސް އެ ބައިވެރިންނަށް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!