ސައޫދީ އަރަބިއްޔާގެ ނަޖްރާން ސިޓީގެ އާންމުން ދިރިއުޅޭ ސަރަހައްދަކަށް، ޓެރަރިސްޓް ހޫޘީ މިލީޝިއާއިން ފޮނުވާލި ހަމަލާއެއް އަރައި، ސައޫދީގެ ހަ ރައްޔިތަކު ޒަޚަމްވެއްޖެއެވެ.

އާދީއްތަ ދުވަހު ހިނގި މި ހާދިސާގައި ބައެއް ގޭގެއަށާއި އުޅަނދުތަކަށްވެސް ވަނީ އެކިވަރުގެ މާއްދީ ގެއްލުންތައް ލިބިފައެވެ.

Ad
rt

މި ހާދިސާއާ ގުޅޭ ތަފުސީލު ހާމަކުރަމުން ސައޫދީ އަރަބިއްޔާގެ ޖެނެރަލް ޑައިރެކްޓަރޭޓް އޮފް ސިވިލް ޑިފެންސުން ބުނީ، ހޫޘީން ފޮނުވާލި މި ހަމަލާ (ޕްރޮޖެކްޓައިލް) އަމާޒުވެފައިވަނީ ނަޖްރާންގެ އާންމުން ދިރިއުޅޭ އަވަށަކަށް ކަމަށެވެ. އަދި މި ހާދިސާގައި އަނިޔާވި ހަ މީހުންނަކީވެސް ސައޫދީ ރައްޔިތުން ކަމަށް އެ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

މީހުން ޒަޚަމްވުމުގެ އިތުރުން، އެ ސަރަހައްދުގައި ހުރި އާންމުންގެ މުދަލަށްވެސް މި ހަމަލާގެ ސަބަބުން ގެއްލުން ލިބިފައިވާ ކަމަށް ސިވިލް ޑިފެންސުން ބުންޏެވެ. އެގޮތުން އާންމުން ދިރިއުޅޭ ތިން ގެއަކަށާއި، ތިން އުޅަނދަކަށް އެކިވަރުގެ މާއްދީ ގެއްލުންތައް ވަނީ ލިބިފައެވެ.

ހަމަލާ ދިން ވަގުތުން ފެށިގެން ސިވިލް ޑިފެންސްގެ ޓީމުތަކުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ. އަދި އެ ޓީމުތަކުން މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.

މި ހަމަލާއާ ގުޅިގެން ސިވިލް ޑިފެންސް ޑައިރެކްޓަރޭޓުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ އިދާރާއިން ބުނި ގޮތުގައި، އާންމު ރައްޔިތުންނާއި އާންމުންގެ ތަންތަނަށް އަމާޒުކޮށް ހަމަލާ ދިނުމަށް ކުރާ މިފަދަ މަސައްކަތްތަކަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާ ކަނޑައެޅިގެން ޚިލާފު ކަންކަމެވެ.

އަދި އާންމުންގެ ފުރާނައާއި މުދަލަށް ނުރައްކާވާ ގޮތަށް ދޭ މިފަދަ ހަމަލާތަކަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލުތަކާ ފާޅުކަން ބޮޑު ގޮތެއްގައި ޚިލާފުވުން ކަމަށްވެސް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.