ޢިރާޤުގެ ބަޣުދާދުގައި ކުރިއަށްދިޔަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގެ 52 ވަނަ ބައްދަލުވުމުގައި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކުގެ ދިފާޢުގައި ދިވެހިރާއްޖެއިން ގެންގުޅޭ ސާބިތު އުސޫލުތައް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ތަކުރާރުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާ ޤާނޫނީ އަދި ޝަރުޢީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށާއި، 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައިގެން މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާ ކަމަށެވެ. އަދި ފަލަސްޠީނުގެ ޙައްޤުގައި މަސައްކަތް ކުރުމަށްޓަކައި އޯއައިސީގެ މެންބަރު ޤައުމުތަކުގެ މެދުގައި އޮތް އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ.
ދުނިޔޭގެ މަސްރަޙަށް އަންނަމުންދާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވަނީ، ދެމެހެއްޓެނިވި ޞުލްޙަ ޤާއިމުކުރުމަށާއި މިހާރު ކުރިމަތިވަމުންދާ އެކި ގޮންޖެހުންތަކުން އަރައިގަތުމަށް ބަދަހި ގުޅުމަކާއި މަޝްވަރާ އިތުރުކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި ތަރައްޤީގެ މަންފާ ދެމެހެއްޓެނިވި ގޮތެއްގައި ހާސިލުކުރެވޭނީ އެންމެންގެ ބައިވެރިވުން ހިމަނައިގެން ކަމަށް ވިދާޅުވެ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުޞަތުތައް ފަހިކޮށްދިނުމަށާއި، އަންހެނުންނާއި ޒުވާނުންގެ ދައުރު މުޖުތަމަޢުގައި ފުޅާކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.
ރާއްޖެ އޯއައިސީގެ މެންބަރަކަށް ވީތާ 50 އަހަރު ފުރުން މި އަހަރު ފާހަގަކުރާއިރު، އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމާއި މަޞްލަޙަތު ކުރިއެރުވުމަށް އެ ޖަމިއްޔާއާއި މެންބަރު ޤައުމުތަކާ ގުޅިގެން މަސައްކަތްކުރުމުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވެސް މިނިސްޓަރު ވަނީ ދެއްވާފައެވެ.
މި ބައްދަލުވުމުގެ ހަވާސާގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ އޯއައިސީގެ މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމަށާއި، ދެފަރާތުގެ މަޞްލަޙަތު ހިމެނޭ އެކި ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ކޮންމެ އަހަރަކު ވެސް ބާއްވާ އޯއައިސީގެ ޚާރިޖީ ވަޒީރުންގެ މަޖިލީހަކީ އިސްލާމީ އުންމަތާ ގުޅުންހުރި މުހިންމު ކަންކަމުގައި މަޝްވަރާކޮށް، އެކަންކަމަށް ޢަމަލީ ޙައްލުތަކެއް ހޯދުމަށް މެންބަރު ޤައުމުތަކުގެ އިސްވެރިން އެއްތަންވާ މުހިންމު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި މިނިސްޓަރު އިރުތިޝާމްގެ އަރިހުގައި އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރު އަދި އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ޝުޖާޢު ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!