ހއ. މާރަންދޫ ކައުންސިލާއި ދިވެހި ރެޑް ކްރެސެންޓް ގުޅިގެން އެ ރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޭސިކް ފަސްޓްއެއިޑް ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

މާރަންދޫ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، މިއީ ބައިވެރިންނަށް ސެޓިފިކެޓް ލިބޭގޮތަށް ރާވައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމެކެވެ.

Ad
rt

މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ތާވަލުކޮށްފައިވަނީ 2026 އޮކްޓޫބަރު 22 އިން 23 އަށެވެ. އަދި މި ތަމްރީނުގެ ހަރަކާތްތައް ކުރިއަށްދާނީ ޖުމްލަ ހަތް ގަޑިއިރުގެ މުއްދަތަކަށް ކަމަށް އެ ކައުންސިލުން ހާމަކުރެއެވެ.

ތަމްރީނުގައި ބައިވެރިވުމުގެ ޝަރުތުތަކަށް ބަލާއިރު، ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 18 އަހަރުން މަތީގެ ފަރާތްތަކަށެވެ. އަދި މި ޕްރޮގްރާމުގައި ދެ ޖިންސުގެ މީހުންނަށް ވެސް ބައިވެރިވެވޭނެ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

މިކަމާ ގުޅިގެން މާރަންދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި ތަމްރީން ޕްރޮގްރާމަށް ކަނޑައަޅާފައިވަނީ ޖުމްލަ 50 ބައިވެރިންގެ ޖާގަކަމަށެވެ. އަދި ޕްރޮގްރާމުން ފުރުސަތު ދިނުމުގައި ބަލާނީ އޮންލައިން ފޯމު ހުށަހަޅާ ތަރުތީބުން ޖާގަ ފުރެންދެން ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން މި ތަމްރީނުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މާރަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ޝާއިއުކޮށްފައިވާ އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.