ކ. ގާފަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް ބަންޑުންޖަހާލި "ހޯކްސް ވޮޔޭޖް" ލޭންޑިންގ ކްރާފްޓުން ކަނޑުވި މީހުން ސަލާމަތްކުރުމުގައި ހިތްވަރުގަދަ މަސައްކަތްތަކެއް ކޮށްފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރުންނަށް "ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް" މިއަދު އަރުވައިފިއެވެ.
ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މެޑަލް އޮފިސަރުންނާ ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.
ފުލުހުން ބުނިގޮތުގައި ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ހާސިލުކުރެއްވި ތިން އޮފިސަރުންނަކީ ސީނިއަރ ސާޖަންޓް އަޙްމަދު އާމިރު (ސަރވިސް ނަންބަރު: 2245) އާއި، ކޮންސްޓަބަލް މުޙައްމަދު ލަހްފާން (ސަރވިސް ނަންބަރު: 6279) އަދި ކޮންސްޓަބަލް ޢަލީ ޒިދާން (ސަރވިސް ނަންބަރު: 5852) އެވެ.
މި ހާދިސާ ހިނގާފައިވަނީ 2026 ޖުލައި 31 ވަނަ ދުވަހުގެ ހެނދުނު 08:50 އެހައިކަންހާއިރުއެވެ. "ހޯކްސް ވޮޔޭޖް" ނަމަކަށް ކިޔާ އެ ލޭންޑިންގ ކްރާފްޓް ކ. ގާފަރު ކައިރިއަށް ބަންޑުންޖަހާލުމާ ގުޅިގެން، އުޅަނދުގައި ތިބި 10 މީހުން ވަނީ ކަނޑުވެފައެވެ.
އެ ދުވަހު ކަނޑުގަދަވެފައި ވަނިކޮށް، ކަނޑުވި މީހުން ސަލާމަތްކުރުމަށް މި އޮފިސަރުން ކުރެއްވި ހިތްވަރުގަދަ މަސައްކަތުން، މާތް ﷲ ގެ ރަޙްމަތްފުޅާއެކު އޭގެ ތެރެއިން 8 މީހެއްގެ ފުރާނަ ވަނީ ސަލާމަތްކުރެވިފައެވެ.
މެޑަލް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ، ފުރާނައަށް ނުރައްކާވާ ފަދަ ދަނޑިވަޅުތަކުގައި ފުލުހުންގެ ފަރާތުން ފެންނަންޖެހޭ ހިތްވަރާއި، އިޚްލާޞްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މީހުން ސަލާމަތްކުރުމުގެ އެ މަސައްކަތުގައި އޮފިސަރުން ދެއްކެވި ހިތްވަރަށް ސީޕީ ވަނީ ތައުރީފުކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. މީގެއިތުރުން، މިފަދަ ގޮންޖެހުންތަކާ ކުރިމަތިލާއިރު ގުޅިގެން މަސައްކަތްކުރުމާއި، އޮޕަރޭޝަނަލް ގޮތުން އަބަދުވެސް ތައްޔާރީ ހާލަތުގައި ތިބުމުގެ މުހިންމުކަން ވެސް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ފުރާނަ ސަލާމަތްކުރުމަށާއި އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް ދޭ އަހައްމިއްޔަތު ކޮމިޝަނަރ ވަނީ ތަކުރާރުކުރައްވާފައެވެ. އަދި ވާޖިބު އަދާކުރުމުގައި ނަމޫނާ ހިތްވަރާއި އިޚްލާޞްތެރިކަން ސާބިތުކޮށްދޭ އޮފިސަރުންގެ އަގުވަޒަންކުރުމަކީ މުއައްސަސާއިން އަބަދުވެސް ނުހަނު އިސްކަންދޭ ކަމެއްކަން ވެސް ސީޕީ ވަނީ ފާހަގަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!