ށ. މާއުނގޫދޫ ކައުންސިލާއި އެ ރަށު ޞިއްޙީ މަރުކަޒު ގުޅިގެން، ސްޕީޗް ތެރަޕީއާ ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރަށުގެ އެންމެހައި ރައްޔިތުންނަށް ދަޢުވަތު އަރުވައިފިއެވެ.

އެ ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، އެ ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 15 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގައި މާއުނގޫދޫ ސްކޫލް ލައިބްރަރީގައެވެ.

Ad
rt

މީގެއިތުރުން، މާއުނގޫދޫ ކައުންސިލްގެ ރައީސް މުޙައްމަދު އިރުފާން "ތިލަދުން" އަށް ވިދާޅުވީ، މިއީ ހެދިބޮޑުވަމުން އަންނަ ކުދިންނަށް ވާހަކަދެއްކުމާއި މުޢާމަލާތުކުރުމުގައި ދިމާވާ ދަތިތައް ދެނެގަންނާނެ ގޮތްތަކަށް ބެލެނިވެރިން އަހުލުވެރިކުރުވައި، އެފަދަ ކަންކަން ކުރީބައިގައި ދެނެގަތުމަށް ބެލެނިވެރިންނާއި ޢާންމުން ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ސެޝަނެއް ކަމަށެވެ.

އެ ސެޝަންގައި މައުލޫމާތު ދެއްވާނީ ށ. އަތޮޅު ހޮސްޕިޓަލްގެ ސްޕީޗް ތެރަޕިސްޓްކަމަށް މާއުނގޫދޫ ކައުންސިލުން ހާމަކުރައްވައެވެ.

މާއުނގޫދޫ ކައުންސިލުން ވަނީ މި ސެޝަންގައި ވީހާވެސް ގިނަ ފަރާތްތަކަކުން ބައިވެރިވެލެއްވުމަށް އެދި ދަޢުވަތު އަރުވާފައެވެ.