މާލޭގެ ގަލޮޅުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓަކަށް ވަދެ، އެތަނުގައި ތިބި މީހުން ހިފަހައްޓައި ތޫނު ހަތިޔާރުން ބިރުދައްކައިގެން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައިގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން އެމީހުން ބަންދުގައި ބައިތިއްބަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

Ad
rt

ކޯޓު އަމުރެއްގެ ދަށުން މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. ޤަޞްރު / ކ. މާލެ، ޠަލާލް މުޙައްމަދު (41އ) އަދި ނައިޓްރޯސް / މ. މުލި، އަޙްމަދު ޢުބައިދު (46އ) އެވެ. މި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 2026 އޮކްޓޫބަރު 12 ވަނަ ދުވަހުއެވެ.

މި ދެ މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ 2026 އޮކްޓޫބަރު 8 ވަނަ ދުވަހުގެ ވަގުތެއްގައި، މާލޭ ގަލޮޅުގައި ހުންނަ ގެއެއްގެ ހަތަރުވަނަ ފަންގިފިލާގެ އެޕާޓްމަންޓަކަށް ހުއްދަނޫން ގޮތުގައި ވަދެގަތް ކަމުގެ ތުހުމަތެވެ.

މީގެއިތުރުން، އެ އެޕާޓްމަންޓަށް ވަދެގަތުމަށްފަހު އެތަނުގައި ތިބި މީހުން ހުއްދަނޫން ގޮތުގައި ހިފަހައްޓައި، ތޫނު ހަތިޔާރުން ބިރުދައްކައިގެން ގިނަ އަދަދެއްގެ ފައިސާ ފޭރިގަނެފައިވާ ކަމަށްވެސް އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ފޭރުމުގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.