ޔަމަނުގެ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ވެރިރަށް ސަންއާގައި އަސްކަރީ ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންދާތީ، އެ ސަރަހައްދުގައި އަމާޒުކުރާ ތަނުން އާންމުން ދުރަށް ދިއުމަށް ސައުދީ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުން ކުއްލި އިންޒާރެއް ދީފިއެވެ.

ކޯލިޝަނުގެ ތަރުޖަމާނު އަންގާރަ ދުވަހު ވިދާޅުވީ، ހަމަލާތައް ދިނުމުގެ ކުރިން އެ ތަނުގައި ތިބި އާންމުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އަންގާ އިންޒާރު ވަރަށް އަވަހަށް ނެރޭނެ ކަމަށެވެ.

Ad
rt

ކޯލިޝަނުން މި އޮޕަރޭޝަން ސިފަކޮށްފައިވަނީ ސީދާ ވަކި އަމާޒުތަކަކަށް ދޭ ހާއްސަ އަސްކަރީ ހަމަލާތަކެއްގެ ގޮތުގައެވެ. މި ހަމަލާތަކުގެ ބޭނުމަކީ ވެރިރަށް ސަންއާގައި ހުރި ހޫތީންގެ ހަތިޔާރު ގުދަންތަކާއި، ހަތިޔާރާއި ޑްރޯން ރާވާ ވޯކްޝޮޕްތަކުގެ އިތުރުން ހަމަލާ ދިނުމަށް ބޭނުންކުރާ އިންސްޓޯލޭޝަންތައް ފަދަ އަސްކަރީ ވަސީލަތްތައް ނައްތާލުން ކަމަށް ކޯލިޝަނުން ބުނެއެވެ.

މީގެ ކުރިން ވެސް ސަންއާ އިންޓަނޭޝަނަލް އެއާޕޯޓް ފަދަ މުހިންމު ތަންތަނަށް ހަމަލާ ދިނުމުގެ ކުރިން ކޯލިޝަނުން ވަނީ މިފަދަ އިންޒާރުތައް ދީފައެވެ. އެއީ އަސްކަރީ ބޭނުންތަކަށް ބޭނުންކުރާ ކަމަށް ބުނާ ތަންތަނަށް އާންމުންގެ ހައިސިއްޔަތުން ލިބިފައިވާ ހިމާޔަތް ކަނޑާލުމަށް ފަހު ހަމަލާ ދިނުމުގެ ގޮތުންނެވެ.

މި ފިޔަވަޅުތައް އަޅަން ނިންމާފައިވަނީ ސައުދީ އަރަބިއްޔާގެ ބޯޑަރު ހުރަސްކޮށް ހޫތީން ދެމުންގެންދާ މިސައިލާއި ޑްރޯން ހަމަލާތައް ވަރަށް ބޮޑަށް އިތުރުވުމާ ގުޅިގެންނެވެ. ހާއްސަކޮށް، ރިޔާޟުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހޫތީން ދިން ނުރައްކާތެރި މިސައިލް ހަމަލާގައި ބޭރު ގައުމުތަކުގެ މީހުން ހިމެނޭހެން އާންމުންގެ ބަޔަކު މަރުވެ، 300 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މިއީ ފަހަކަށް އައިސް ސައުދީގެ އެތެރޭގައި ހިނގި އެންމެ ގެއްލުން ބޮޑު އެއް ހާދިސާއެވެ.

ރިޔާޟުގެ އެއާޕޯޓަށް ދިން ހަމަލާގެ އިތުރުން، ސައުދީގެ ބޮޑެތި ސިޓީތަކަށާއި އިންޑަސްޓްރިއަލް ސަރަހައްދުތަކުގައި ހުރި އާންމު އެއާޕޯޓްތަކާއި މުހިންމު ތަންތަނަށް އަމާޒުކޮށް ފޮނުވާލި އެތައް މިސައިލަކާއި ޑްރޯންތަކެއް ކޯލިޝަނުން ވަނީ ވައްޓާލާފައެވެ. މި ހަމަލާތަކުގެ ސަބަބުން ވިޔަފާރި ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު އިރު، ސަންއާއިން އާންމުން ހުސްކުރުމުގެ އިންޒާރު ނެރުނު ވަގުތާ ހަމައަށް ވެސް ރިޔާޒުގެ އުތުރުން ދަތުރުކުރި ޑްރޯންތައް އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ދިޔައީ ހުއްޓުވަމުންނެވެ.

މީގެއިތުރުން، ސައުދީ އަރަބިއްޔާގެ މުހިންމު ތެޔޮ މަރުކަޒުތަކަށާއި ހަކަތަ ފޯރުކޮށްދޭ ނިޒާމުތަކަށް އަމާޒުކޮށްގެން ވެސް ހޫތީން ވަނީ ދުރު ރާސްތާގެ ހަމަލާތައް ފޮނުވާފައެވެ. މި ހަމަލާތަކަށް ސީރިއަސް ރައްދެއް ދޭނެ ކަމަށް ސައުދީގެ ހަކަތައާ ބެހޭ ވުޒާރާއާއި ދިފާއީ އިދާރާތަކުން ބުނުމާ ގުޅިގެން، ކޯލިޝަނުން މިހާރު ވަނީ ޔަމަނުގައި ހުރި ހޫތީންގެ ހަތިޔާރު ގުދަންތަކާއި، ޑްރޯން އެސެމްބްލީ ފެސިލިޓީތަކާއި، ކޮމާންޑް ސެންޓަރުތަކަށް އަމާޒުކޮށް ފުޅާ ދާއިރާއެއްގައި ވައިގެ ހަމަލާތައް ދޭން ފަށާފައެވެ.