ކަސްޓަމްސްއަށް ޑިކްލެއަރ ނުކޮށް ރާއްޖެއިން ބޭރުކުރަން އުޅުނު ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާއާ އެއްވަރުގެ ބޭރު ފައިސާ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

މި ފައިސާތައް އަތުލައިގެންފައިވަނީ މި ހިނގާ މަހުގެ ހަތްވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ.

Ad
rt

މި މައްސަލައިގައި ފައިސާތައް އަތުލައިގަތީ ރާއްޖެއިން ފުރަން ދިޔަ އިންޑިއާ ރައްޔިތެއްގެ އަތުން ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި، އަތުލައިގަތް ފައިސާތަކުގެ ތެރޭގައި އެކި ޤައުމުތަކުގެ ފައިސާ ހިމެނެއެވެ. އަދި މި ފައިސާތަކުގެ ޖުމްލަ އަދަދު 905،669.80 (ނުވަ ލައްކަ ފަސް ހާސް ހަސަތޭކަ ފަސްދޮޅަސް ނުވަ ރުފިޔާ އަށްޑިހަ ލާރި) އަށް އަރާ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ޤާނޫނާއި ޤަވާޢިދުތައް ބަޔާންކުރާ ގޮތުން، ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ގެންދާނަމަ ނުވަތަ އެތެރެކުރާނަމަވެސް އެކަން ކަސްޓަމްސްއަށް ޑިކްލެއަރ ކުރަންޖެހެއެވެ.

އެގޮތުން 10،000 އެމެރިކާ ޑޮލަރަށް ވުރެ އިތުރު އަދަދެއްގެ ފައިސާ ރާއްޖެއިން ގެންދާނަމަ، އެކަން ކަސްޓަމްސްއަށް ރަސްމީކޮށް ޑިކްލެއަރ ކުރަންޖެހޭނެ ކަމަށް ޤަވާޢިދުގައި ވެއެވެ.

މީގެ އިތުރުން، އެ އަދަދަށް ފައިސާ ބޭރުކުރާ ހާލަތްތަކުގައި އެއީ ކޮން ގޮތަކުން ހޯދާފައިވާ ފައިސާއެއްކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ވެސް ކަސްޓަމްސްއަށް ހުށަހަޅަންޖެހޭ ގޮތަށް ޤަވާޢިދުގައި ވަނީ ކަނޑައަޅާފައެވެ.