މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ބޭސްފިހާރަތަކުން އަސާސީ ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހާއި، ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގުޅިގެން ގެނެސްދޭ 'އަހާ' ފޯރަމުގައި ރޭ ވާހަކަދައްކަވަމުން ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ސްޓޭޓް ފާމަ މެދުވެރިކޮށް ރަށްރަށުގައި ހުރި ބޭސްފިހާރަތަކަށާއި ދިގުމުއްދަތަކަށް ބޭސް ބޭނުންކުރަންޖެހޭ މީހުންނަށް ބޭނުންވާ ބޭސްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. އަދި މިގޮތަށް ކުރެވޭ މަސައްކަތުން، މިއަހަރު ނިމުމުގެ ކުރިން އަތޮޅުތެރޭގެ ހުރިހާ ފާމަސީތަކުން އަސާސީ ބޭސް ލިބެން ހުންނާނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުން މިހާރު އަންނަނީ އަސާސީ ބޭސް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ލިބެން ހުރިކަން ކަށަވަރުކުރުމަށާއި، އެޕްރޫވްކޮށްފައިވާ ބޭސްތައް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްތައް ބޭސްކުންފުނި މެދުވެރިކޮށް ކުރަމުންކަމަށް ގީލާ ވިދާޅުވިއެވެ.
އަސާސީ ބޭސް ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ދައުލަތުގެ ބޭސްކުންފުނި، ސްޓޭޓް ފާމަސޫޓިކަލްސްއިން މިހާރު ވަނީ 1505 ގެ ނަމުގައި ހާއްސަ ހޮޓްލައިނެއް ތަޢާރަފުކޮށްފައެވެ. މިއީ ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ވެސް 24 ގަޑިއިރު ޚިދުމަތް ލިބޭ ގޮތަށް ހަމަޖައްސާފައިވާ ނަންބަރެކެވެ.
ދައުލަތުގެ ބޭސްކުންފުނިން ބުނެފައި ވަނީ، މި ހޮޓްލައިންގެ ބޭނުމަކީ ދިވެހި ރައްޔިތުންނަށް ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުކޮށްދިނުން ކަމަށެވެ. އެގޮތުން ބޭސް ހޯދުމާއި އެކަމާ ގުޅޭ މައުލޫމާތު މި ނަންބަރު މެދުވެރިކޮށް ލިބޭނެ ކަމަށާއި، އެ ކުންފުނި މެދުވެރިކޮށް ބޭހަށް އޯޑަރު ކުރުމުން އެ ފަރާތްތަކާ އެންމެ ގާތުގައި ހުންނަ ފާމަސީއަކުން ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށްވެސް އެ ކުންފުނިން ބުނެފަވެއެވެ.
މީގެ އިތުރުން، ފާމަސީތަކުގައި ބެހެއްޓުން ލާޒިމުކުރާ އަސާސީ ބޭހުގެ ލިސްޓު މުރާޖާކޮށް އެއަށް އަމަލުކުރަން ފެށުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ މިއަހަރުގެ ޖުލައި މަހު އަންގާފައެވެ. ފާމަސީތަކުގައި ބެހެއްޓުމަށް ލާޒިމުކުރާ އަސާސީ ބޭހުގެ ލިސްޓު އަދާހަމަކޮށްފައިވާއިރު، ކޮންމެ ފާމަސީއަކުންވެސް އެ ފާމަސީއެއް ނިސްބަތްވާ ގްރޭޑަކަށް ކަނޑައެޅިފައިވާ ބޭހުގެ މަދުވެގެން 80 އިންސައްތަ ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސަން ޖެހެއެވެ.
މި ބަދަލާ ގުޅިގެން މިހާރު ހިންގަމުންދާ ފާމަސީތަކުން، ގިންތިކޮށްފައިވާ ގްރޭޑާ އެއްގޮތަށް ހުރިހާ ބޭހެއް ލިބޭނެ އިންތިޒާމު ޖެނުއަރީ މަހުގެ ނިޔަލަށް ހަމަޖައްސަން ޖެހޭނެ ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ. އަދި އަލަށް ހުޅުވާ ފާމަސީތައް ރަޖިސްޓްރީ ކުރުމަށްފަހު ބޭސް ވިއްކުމުގެ ހުއްދަ ދޫކުރާނީ، އެ ގިންތިއެއްގެ ފާމަސީގައި ބަހައްޓަންޖެހޭ ބޭސްތައް ހަމަކުރުމުން ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!