ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވިޔަފާރިވެރިންނާއި، އިންވެސްޓަރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން ސިނާއަތުގެ އިސްވެރިން ބައިވެރިވާ "ލަންޑަން ހަލާލް ފޯރަމް" ހޮނިހިރު ދުވަހު ފަށައިފިއެވެ.

މި ފޯރަމަކީ ފުޅާވަމުން އަންނަ ހަލާލް އިގުތިސާދުގެ އެކި ދާއިރާތަކުން ލިބެން ހުރި ފުރުސަތުތައް ދެނެގަތުމަށް ބާއްވާ ބައިނަލްއަގުވާމީ މުހިންމު ބައްދަލުވުމެކެވެ.

Ad
rt

މި ފޯރަމަކީ އިސްލާމިކް ޗެމްބަރ އޮފް ކޮމާސް އެންޑް ޑިވެލޮޕްމަންޓާއި ހަލާލް ޕްރޮޑަކްޓްސް ޑިވެލޮޕްމަންޓް ކޮމްޕެނީ (އެޗްޕީޑީސީ) ގުޅިގެން ކުރިއަށްގެންދާ "ހަލާލް360" އިސްނެގުމުގެ ދަށުން އިންތިޒާމުކޮށްފައިވާ ހަރަކާތެކެވެ. އަދި މި ފޯރަމުގެ ގްލޯބަލް ކޮމިއުނިކޭޝަންސް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އަނަދޯލޫ އެވެ. "ހަލާލް ތައްޔިބު ފޯ ހިއުމެނިޓީ" މި ޝިއާރުގެ ދަށުން ކުރިއަށްދާ މި ފޯރަމުގައި، ހަލާލް އިގުތިސާދު ހަމައެކަނި ސެޓްފިކެޓް ދިނުމާއި ކާބޯތަކެއްޗަށް ހަނިވެފައި އޮތް އޮތުން ބަދަލުކޮށް، އިންވެސްޓްމަންޓް، ފަތުރުވެރިކަން، ޓެކްނޮލޮޖީ، ސަޕްލައި ޗޭން، ބްރޭންޑިންގ އަދި ބައިނަލްއަގުވާމީ ވިޔަފާރީގެ ދާއިރާތަކަށް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.

ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް ޗެމްބަރ އޮފް ކޮމާސް، އިންޑަސްޓްރީ އެންޑް އެގްރިކަލްޗާގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޚަލާވީ ވިދާޅުވީ، އުފެއްދުންތެރިކަމާއި ބައިނަލްއަގުވާމީ ގުޅުންތަކުގެ ޒަރީއާއިން ހަލާލް ސިނާއަތް ކުރިއެރުވުމަށް ލަންޑަނަކީ އެންމެ އެކަށޭނަ މާހައުލު ކަމަށެވެ. އަދި ހަލާލް އިގުތިސާދު މިހާރު ވަނީ އާދަކާދައިގެ މަތިން ކާބޯތަކެއްޗަށް ހާއްސަކުރެވިފައި އޮތް އޮތުމުން ބޭރުވެ، މީޑިއާ، ޓެކްނޮލޮޖީ އަދި އިސްލާމީ ފަންނު ފަދަ މުސްލިމް ދިރިއުޅުމުގެ ވައްޓަފާޅީގެ ގިނަ ދާއިރާތަކަކަށް ފުޅާވެފައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ފުރަތަމަ ފޯރަމް ބޭއްވިތާ 11 މަސް ފަހުން ބޭއްވި މި ދެވަނަ ފޯރަމުގައި އިންތިޒާމުކުރާ ފަރާތްތަކުން ވަނީ ހަލާލް ލައިފްސްޓައިލް، ހަލާލް ޓެކްނޮލޮޖީސް އަދި އިސްލާމިކް އާޓް ހިމެނޭހެން ތިން ކޮންސެޕްޓެއް ތައާރަފުކޮށްފައެވެ. ޚަލާވީ ވިދާޅުވީ އަމާޒަކީ މި މަސައްކަތްތައް ލަންޑަނުން ބޭރަށް ގެންގޮސް މުޅި ދުނިޔޭގެ މާކެޓްތަކުގައި ކުރިއެރުވުން ކަމަށާއި، އެގޮތުން ޕެރިހުގައި ހަލާލް ރިސެޕްޝަނެއް ބޭއްވުމަށާއި ބެންކޮކްގައި އާސިއާން ހަލާލް ފޯރަމް ބޭއްވުމަށް ރޭވިފައިވާ ކަމަށެވެ. މީގެއިތުރުން، 2050 ވަނަ އަހަރާ ހަމައަށް ދާއިރު ދުނިޔޭގެ މުސްލިމް އާބާދީ %25 އާއި %30 އާ ދެމެދަށް އަރާނެ ކަމަށް ލަފާކުރެވޭތީ، ދިރިއުޅުމުގެ ހުރިހާ ދާއިރާއެއް ހިމެނޭ ގޮތަށް ވިޔަފާރީގެ ވިސްނުން ބެހެއްޓުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެޗްޕީޑީސީގެ ސީއީއޯ ފަހަދު ބިން ސުލައިމާން އައްނުހައިތު ވިދާޅުވީ، ހަލާލަކީ ހަމައެކަނި ދީނީ ވާޖިބެއްގެ އިތުރުން ފެންވަރާއި، ރައްކާތެރިކަމާއި، އިތުބާރުގެ ބައިނަލްއަގުވާމީ މިންގަނޑަކަށް މިހާރު ވެފައިވާ ކަމަށެވެ. ސައޫދީ އަރަބިއްޔާގެ "ވިޝަން 2030" އިގުތިސާދީ ސިޔާސަތުގެ ދަށުން، އެގައުމަކީ ދުނިޔޭގައި އެންމެ ގިނައިން ހަލާލް ތަކެތި އެތެރެކުރާ އެއް ގައުމުގެ މަގާމުން، ހަލާލް ތަކެތި އުފައްދައި ބޭރުކުރާ ގައުމަކަށް ބަދަލުވުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި މި ބަދަލު ގެނައުމުގައި އިންވެސްޓްމަންޓްތަކާއި، ސިނާއީ ތަރައްގީ އަދި ބައިނަލްއަގުވާމީ އެއްބާރުލުމުގެ ތެރެއިން އެޗްޕީޑީސީން މުހިންމު ދައުރެއް އަދާކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެޗްޕީޑީސީން ހަ އިންވެސްޓްމަންޓަކަށް ވުރެ ގިނަ އިންވެސްޓްމަންޓް ކޮށް، ހަ ފެކްޓްރީއަކަށް މަގުފަހިކޮށްދީ، ބައިނަލްއަގުވާމީ ތިން ކުންފުންޏެއްގެ މައި އޮފީސް ސައޫދީ އަރަބިއްޔާއަށް ގެނައުމުގައި އެހީތެރިވެދީފައިވާ ކަމަށް އައްނުހައިތު ހާމަކުރެއްވިއެވެ. މީގެއިތުރުން ސީދާ 3،000 އަށް ވުރެ ގިނަ ވަޒީފާއާއި ނުސީދާ 5،000 ވަޒީފާ އުފެއްދުމަށް އެހީތެރިވެދީފައިވާއިރު، 75 އިރުޝާދީ މަޝްރޫއަކާއި އޯއައިސީގެ ގައުމުތަކުގައި ހަލާލް ސްޓްރެޓެޖީ ތަރައްގީކުރުމަށް ސަރުކާރުތަކާ ގުޅިގެން 10 ބައިނަލްއަގުވާމީ މަޝްރޫއު ހިންގާފައިވާ ކަމަށް އޭނާ ބަޔާންކުރެއްވިއެވެ. މި ފޯރަމަކީ ޔޫރަޕާއި އިނގިރޭސިވިލާތުގެ މާކެޓްތައް ދުނިޔޭގެ ފުރުސަތުތަކާ ގުޅުވައިދޭ "ފާލަމެއް" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ފޯރަމްގެ އިފްތިތާހީ ތަގުރީރުތަކަށްފަހު، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ސްޕޮންސަރުންގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ އަރުވާފައިވެއެވެ. އެގޮތުން ގްލޯބަލް ކޮމިއުނިކޭޝަންސް ޕާޓްނަރުގެ ހައިސިއްޔަތުން އަނަދޯލޫގެ ފަރާތުން ފިލައާ ހަވާލުވެވަޑައިގެންނެވީ އެ އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ފޯ އެޑްމިނިސްޓްރޭޓިވް އެންޑް ފައިނޭންޝަލް އެފެއާޒް އޮގުޒް އެނިސް ޕެރޫ އެވެ.