ރާއްޖެ ކުރިމަގު ޖަމްޢިއްޔާއިން، ހއ. އަތޮޅަށް ޚާއްޞަކޮށްގެން، ބާއްވާ އޮންލައިން ފޮޓޯގްރަފީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ރާއްޖެ ކުރިމަގު ޖަމްޢިއްޔާއިން މަޢުލޫމާތުދޭ ގޮތުގައި، ރާއްޖޭގެ ގުދުރަތީ ވެއްޓާއި، ދިވެހި ސަގާފަތާއި ތާރީހީ ތަރިކަ ދައްކުވައިދޭ ފޮޓޯތަކަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ، ތިމާވެށީގެ ރީތިކަން ފެންނަ، ސަޤާފަތް ފާހަގަކުރާ އަދި ތަރިކަ ރައްކާތެރިކުރުމަށް ބާރުއަޅާ ތަސްވީރުތައް ހިއްސާކުރުމެވެ.

Ad
rt

މި މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރުން މަތީގެ ފަރާތްތަކަށެވެ. ކޮންމެ ބައިވެރިއަކަށްވެސް އަމިއްލަ އުފެއްދުމެއް ކަމުގައިވާ އެންމެ ގިނަވެގެން 3 ފޮޓޯ ހުށަހެޅުމުގެ ފުރުސަތު ލިބެއެވެ. ފޮޓޯތަކަށް އާދައިގެ އެޑިޓިންގ ހެދުމުގެ ހުއްދަ އޮތް ނަމަވެސް، އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ފޮޓޯ ހުށަހެޅުމަކީ މަނާކަމެއްކަމުގައި އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.

މި މުބާރާތުގެ އެއްވަނައަށް 2،000 ރުފިޔާ، ދެވަނައަށް 1،500 ރުފިޔާ އަދި ތިންވަނައަށް 1،000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅާފައިވާއިރު،
ހއ. އަތޮޅުގެ 13 ރަށުގެ ތެރެއިން ކޮންމެ ރަށަކުން ހޮވޭ އެންމެ މޮޅު ފޮޓޯއަކަށް 250 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް އެ ޖަމްޢިއްޔާއިން ވަނީ ނިންމާފައެވެ.
ވަނަތައް ހޮވުމުގައި %60 މާކްސް އާންމުންގެ ވޯޓަށް ހާއްސަކޮށްފައިވާއިރު، %40 މާކްސް ދިނުމަށް ހަމަޖެހިފައިވަނީ ފަނޑިޔާރުންގެ ޕެނަލަކުންނެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ނޮވެމްބަރު 2026 ގެ ކުރިން އޮންލައިންކޮށް ފޮޓޯ ހުށަހަޅަންޖެހެއެވެ. ފޮޓޯ ހުށަހަޅަން ޖެހެނީ ރާއްޖެ ކުރިމަގު ޖަމްޢިއްޔާގެ ރަސްމީ ފޭސްބުކް ޕޭޖުގައިވާ ލިންކް މެދުވެރިކޮށް ކަމަށް އެ ފަރާތުން މަޢުލޫމާތުދެއެވެ.

ފޮޓޯ ހުށަހަޅާއިރު ސަބްޖެކްޓް ފީލްޑްގައި "ފޮޓޯގްރަފީ ކޮމްޕެޓިޝަން" ލިޔުމަށްފަހު، ފޮޓޯއާއެކު ފުރިހަމަނަމާއި ފޯނު ނަންވަރު އަދި އީމެއިލް އެޑްރެސް ހިމެނުމަށް އެ ޖަމްޢިއްޔާއިން އެދިފައިވެއެވެ.

ރާއްޖެ ކުރިމަގު ޖަމްޢިއްޔާއިން ހާމަކުރާ ގޮތުގައި، މި މުބާރާތަކީ ޔޫރަޕިއަން ޔޫނިއަންގެ މާލީ އެހީތެރިކަމާއެކު ހިންގާ "ސްޓްރެންތެނިންގ މޯލްޑިވިއަން ސިވިލް ސޮސައިޓީ ޕްރޮޖެކްޓް" ގެ ދަށުން، ދަ އޭޝިއާ ފައުންޑޭޝަނުން އެހީތެރިކަން ފޯރުކޮށްދީގެން ކުރިއަށްގެންދާ މުބާރާތެކެވެ.